ސެންޓާ އެންޓަޕްރައިސެސް މަކަރުން ފައިސާ ހޯދަން އުޅުމުގެ އިތުރު ހެކިތަކެއް؛ އޮޑިޓުގައި ލަފާދިނީ ޖިނާއީ ތަހުގީގަކަށް

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސް އިން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން، އިތުރު ހަތަރު މައްސަލައެއްގައި ވެސް ފޭކް އިންވޮއިސް ހުށަހަޅައިގެން ފައިސާ ހޯދަން އުޅުނުކަން އޮޑިޓާ ޖެނަރަލުގެ އޮފީހުން ހެދި ހާއްސަ އޮޑިޓުން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސެންޓާ އެންޓަޕްރައިސަސް އިން ސަރުކާރުގެ އިދާރާތަކަށާއި ކުންފުނިތަކަކަށް 2006 ވަނަ އަހަރުން 2010ވަނަ އަހަރާ ދެމެދު ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި 410 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ބުނެ އެ ފައިސާ ހޯދަން، 2020 ވަނަ އަހަރުން ފެށިގެން ކޯޓަށް ހަ މައްސަލައެއް ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވެ އެވެ. އެގޮތުން ހުށަހަޅާފައިވާ މައްސަލަތަކަކީ:
އެންވަޔަރްމެންޓް މިނިސްޓްރީއާ ދެކޮޅަށް - 2007 ވަނަ އަހަރާއި 2009 ވަނަ އަހަރު ފޯރުކޮށްދިން ކަމަށް ބުނާ ބޯފެން ރައްކާކުރާ ކަޅުހަމުގެ އަގުގެ ގޮތުގައި 31 މިލިޔަން ރުފިޔާ ހޯދަން
ހެލްތު މިނިސްޓްރީގެ ދަށުން ކުރިން ހިންގި ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް (ޑީއެމްސީ)އާ ދެކޮޅަށް - 2008ވަނަ އަހަރު ފޯރުކޮށްދިން ކަޅުހަންތަކަކާއި މެޑިކަލް ސާމާނުގެ އަގަށްވާ ޖުމްލަ 187 މިލިއަން ރުފިޔާ ހޯދަން ވަކިވަކި ތިން ދައުވާއެއްކުރި
އެމްއޭސީއެލް އާ ދެކޮޅަށް - 2008 ވަނަ އަހަރު ފޯރުކޮށްދިން ކަމަށް ބުނާ ފަޔާ ޓްރަކެއްގެ އަގަށްވާ 20 މިލިއަން ރުފިޔާ ހޯދަން 
މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް - 2006 އާއި 2010 ދެމެދު ފޯރުކޮށްދިން ކަމަށް ބުނާ ތަކެތީގެ އަގުގެ ގޮތުގައި ޖުމްލަ 168 މިލިޔަން ރުފިޔާ ހޯދަން
ތަފްސީލް - މީގެތެރެއިން ބައެއް މައްސަލަތަކުގައި ހިމެނޭ ފައިސާ ދައްކަން ކޯޓުން މީގެ ކުރިން އަމުރުކޮށްފައި ވެސްވެ އެވެ. އޭގެތެރެއިން ޑީއެމްސީއާ ދެކޮޅަށް ދައުވާކުރި ސިއްހީ ސާމާނާ ގުޅޭ މައްސަލަތަކުގެ ހާއްސަ އޮޑިޓެއް އޮޑިޓާ ޖެނަރަލް އޮފީހުން މީގެ ކުރިން ހެދި އެވެ. އެއީ، އެ ދައުވާތަކާ އެކު، ސެންޓާ އެންޓާޕްރައިސަސް އިން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދިގެން ބަންޑާރަ ނައިބުގެ އޮފީހުން އެދިގެންނެވެ.
އެ އޮޑިޓުން، އެ މައްސަލައިގައި ސެންޓާ އެންޓަޕްރައިސެސްއިން ހުށަހެޅި ލިޔެކިއުންތަކަަކީ ފޯޖްކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ގިނަ ކަންކަމެއް ފާހަގަކުރެވުނެވެ. އެގޮތުން، އެ ދައުވާތައް ކޮށްފައިވަނީ އެ ހިދުމަތުގެ އަގަށްވާ ފައިސާ ދީފައިވަނިކޮށް ކަމާއި،  އޮޅުވާލައިގެން ވުޖޫދުގައި ވެސް ނުވާ މީހުންގެ ސޮއި ބޭނުންކޮށްގެން ލިޔެކިއުންތައް ހަދާފައިވުމާއި، އިއުލާން ނަންބަރުތައް ދިމާނުވުންފަދަ ކަންކަން އެ އޮޑިޓުން ފާހަގަވި އެވެ. 
އެހެންވެ، އެކަމުގައި ޝާމިލުވާ މީހުންނަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެ އޮޑިޓުގައިވެސް ލަފާދީފައިވެ އެވެ.
މިފަަހަރުގެ އޮޑިޓު - މިދިޔަ އާދިއްތަ ދުވަހު އޮޑިޓާ ޖެނަރަލުގެ އޮފީހުން އާންމުކުރި އޮޑިޓަކީ، ކޯޓަށް ހުށަހެޅި ދައުވާތަކުގެ ތެރެއިން އިތުރު ހަތަރު މައްސަލައެއްގައި ހިމެނޭ ލިޔެކިއުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި ހިދުމަތަށް ފައިސާ ފޯރުކޮށްދީފައިވޭތޯ ބެލުމަށް ހެދި ހާއްސަ އޮޑިޓެކެވެ.
މިފަހަރުގެ އޮޑިޓުގައި ބެލީ، އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޑީއެމްއެސްއަށް ފޯރުކޮށްދިން ކަޅު ހަންތަކާއި މެޑިކަލް ސާމާނާގުޅޭ މައްސަލަތަކެވެ. 
މިއޮޑިޓުގައި ވެސް ފާހަގަކޮށްފައިވަނީ ހަމަ ކުރީ އޮޑިޓުގައި ވެސް ފާހަގަކޮށްފައިވާފަދަ މައްސަލަތަކެކެވެ. އެގޮތުން، ފައިސާ ލިބިފައިވާ މުއާމަލާތްތަކަށް ފައިސާ ނުލިބޭ ކަމަށް ދައްކަން ސައްހަ ނޫން ލިޔެކިއުންތަކެއް ހުށަހަޅައިގެން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް މި އޮޑިޓުގައި ވެސް ފާހަގަކުރި އެވެ. އަދި، ދައުލަތުގެ އިދާރާތަކާއެކު ކުރެވޭ ތެދުވެރި މުއާމަލާތެއްގައި ހިމެނިގެންނުވާނެ ބޮޑެތި ފުށުއެރުންތަކާ ދެކޮޅު ނުޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ވެސް ފާހަގަކުރި އެވެ.
"އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ރާއްޖޭގެ ޝަރުއީ ކޯޓަކަށް ހުށަހަޅައިގެން، ދައުލަތަށް ފޯރުކޮށް ނުދޭ މުދަލަކަށް މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރާ ކަމަށް ބެލެވޭތީ، އެ ކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހެދުމަށާ އަދި މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދަންނަވަމެވެ،" އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީގެ ލަފާގައިވެ އެވެ. މިފަހަރުގެ އޮޑިޓުގައި ވާގޮތުން:
އެންވަޔަރަމަންޓް މިނިސްޓްރީއަށް ކަޅުހަން ފޯރުކޮށްދިނުމަށް ސެންޓާ އެންޓަޕްރައިސެސްއާއެކު ހަދާފައިވަނީ ތިން އެއްބަސްވުމެއް
 އޭގެތެރެއިން ފޯރުކޮށްދިން ކަޅުހަންތަކަށް ފައިސާ ދީފައިވޭ؛ ފައިސާ ނުދީވަނީ ފޯރުކޮށްދޭންޖެހޭ 336 ކަޅުހަމެއް ފޯރުކޮށްދީފައިނުވާތީ އެޔަށްވާ ފައިސާ
ޑީއެމްއެސްއަށް ފޯރުކޮށްދިން ކަމަށް ބުނާ 900 ކަޅުހަމުގެ މުއާމަލަތަކީ ހިނގާފައިވާ މުއާމަލާތެއް ނޫން، އެތަކެތި ހޯދަން އިއުލާންކޮށްފައެއްް ވެސް ނުވޭ؛ އެތަކެތި ފޯރުކޮށްދިންކަން ދައްކަން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިއުންތަކަކީވެސް ސައްހަ ލިޔެކިއުމެއް ނޫން
ފޯރުކޮށްދިން ކަމަށް ބުނާ ކަޅުހަންތަކުގެ އަދަދަށް ރާއްޖެއަށް އެ ތަކެތި އޭރު އެތެރެކޮށްފައިވެސްނުވޭ
ޑީއެމްއެސްއިން އެ މުއާމަލާތް ކުރިކަން ދައްކަން އެތަނުގެ ދެ މުވައްޒަފެއްގެ ގޮތުގައި ދެމީހަކު ސޮއިކޮށްފައިވާ ކަމުގެ ލިޔެކިއުމަކީ ވެސް އޮޅުވާލުމެއް؛ އެނަމުގައި އެތަނުގައި އެއްވެސް މުވައްޒަފެއް ނޫޅޭ
ޑީއެމްއެސްއަށް ފޯރުކޮށްދިން ކަމަށް ބުނާ ސިއްހީ ސާމާނުތަކުގެ މުއާމަލާތަކީ ވެސް ހިނގާފައިވާ މުއާމަލާތެއް ނޫން
އެ ހިދުމަތް ދިނުމަށް ހަވާލުވީ ބިޑެއް ކާމިޔާބުކޮށްގެން ކަމަށް ދައްކަން އުފައްދާފައިވަނީ ވެސް ސައްހަނޫން ލިޔެކިއުންތަކެއް
އެބިޑު އެވެލުއޭޓުކުރަން ތިން ޑޮކްޓަރަކު ބައިވެރިވި ކަމަށް ދައްކަން ވެސް ސައްހަ ނޫން ލިޔެންތަކެއް އުފައްދާފައިވޭ 
"އެހެންކަމުން، ސެންޓާ އެންޓަ ޕްރައިސެސްއިން ހޯދުމަށް އެދިފައިވާ ފައިސާއަކީ އެ ކުންފުންޏަށް މީގެ ކުރިން ލިބިފައިވާ ފައިސާ ކަމަށްވާތީ އާއި ހިނގާފައިނުވާ މުއާމަލާތްތަކަކަށް ފައިސާ ހޯދަން ސައްހަނޫން ލިޔެކިއުންތަކެއްގެ މައްޗަށް ބިނާކޮށް ހޯދުމަށް ހުށަހަޅާފައިވާ ފައިސާކަން ފާހަގަކުރެވޭތީ، އެ ފައިސާ ސެންޓާ އެންޓަޕްރައިސެސްއަށް ނަގައިދޭންޖެހޭ ކަމަށް ނުދެކެމެވެ،" އޮޑިޓުގައި، އޮޑިޓު ޖެނަރަލް ލިޔުއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ