ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ގާނޫނުއަސާސީގެ 181 ވަނަ މާއްދާ އާއި ސިވިލް ސާވިސް ގާނޫނުގެ 12 ވަނަ މާއްދާގެ (ކ)ގެ ދަށުން އެ ކޮމިޝަނުގެ މެމްބަރެއްގެ މަގާމް ހުސްވުމާއި ގުޅިގެންނާއި، ގާނޫނު އަސާސީގެ 183 ވަނަ މާއްދާ އާއި ސިވިލް ސާވިސް ގާނޫނުގެ 16 ވަނަ މާއްދާގެ އެއްވަނަ ނަންބަރުގެ ދަށުން އެ ކޮމިޝަނުގެ ދެ މެމްބަރެއްގެ މަގާމު ހުސްވާތީ، އެ ކޮމިޝަނަށް ތިން މެމްބަރުން އައްޔަނުކުރުމަށްޓަކައި، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި ބުނެފައިވަނީ އެ ކޮމިޝަނަށް މެމްބަރުން އައްޔަން ކުުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް މަޖިލީހުން އިއުލާން ކުރަންޖެހޭ ކަމަށެވެ. އަދި އެކަމަށް އެދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން އެ ގާނޫނުގައި ބުނެފައިވަނީ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެމްބަރުން، ކޮމިޝަނުގެ މެމްބަރުމަަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަންވާނެ ކަމަށެެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަަހަރުވެފައިވުމާއި އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި ފުރަތަމަ ޑިގްރީ ފެންވަރުގެ ތައުލީމު ހާސިލްކުރުމަށްފަހު، ސަރުކާރު ނުވަތަ ސަރުކާރު ނޫން ފަރާތެއްގައި ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އހަރު ހިދުމަތްކޮށްފައި ވުމުގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި އަދި ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ