މޯލްޑިވްސް ޕްރޯ މިއަހަރު ކ. ތުލުސްދޫގައި

ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާއާއި މޯލްޑިވްސް ބޮޑިބޯޑިން އެސޯސިއޭޝަން ގުޅިގެން އިންތިޒާމުކުރާ މޯލްޑިވްސް ޕްރޯ 2026 މިއަހަރު ކުރިއަށްދާނީ ކ. ތުލުސްދޫގައިކަމަށް ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ހުސައިން ނިޒާމް ހާމަކޮށްފިއެވެ.
ނިޒާމް މިކަން ހާމަކޮށްފައިވަނީ މިމުބާރާތް ލޯންޗްކުރުމަށް ހ. ބޯޅަގޭގެ ސެމިނާ ހޯލުގައި އެކަމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
މިމުބާރާތާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ނިޒާމް ވިދާޅުވީ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކ. ތުލުސްދޫގައިކަމަށެވެ. މީގެ ކުރިން މާލޭ ވަރުނުލާ ނުލާ ރާޅުގަނޑު ސަރަހައްދުގައި ބާއްވަމުން އައި މިމުބާރާތް މިއަހަރު ތުލުސްދޫގައި ބޭއްވުމަށް ނިންމީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއެކު ބޭއްވެވި ބައްދަލުވުމެއްގައި އެމަނިކުފާނު ދެއްވި ޚިޔާލާއި މަޝްވަރާގެ މަތިންކަމަށް ނިޒާމް ހާމަކުރެއްވިއެވެ.
"މިއަހަރުގެ މުބާރާތް އަޅުގަނޑު ޕާސަނަލީ އިން މީޓިންގއެއްގައި ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅެއް، ރާޅާއެޅުމުގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް އިންތިޒާމުކުރުމަށްޓަކައި ސްޓޭޑިއަމެއް ގާއިމުކުރުމަށްޓަކައި ސްޓޭޑިއަމެއް ރާޅުގަނޑު ސަރައްދުގައި ގާއިމުކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ބާރު ސްޕީޑުގައި ކުރިއަށް އެބަދޭ. އެބޭފުޅާގެ ވަޢުދެއް އެއީ ސްޕޯޓްސް ޓޫރިޒަމް ފުޅާކުރަން މިނިސްޓްރީއާއި ގުޅިގެން، އެހެންކަމުން އެ ވަޢުދުފުޅާ އެއްގޮތަށް މިއަހަރު އެހުރިހާކަމެއް އޭގެ ތެރެއިން އެކުލެވިގެންދާނެ އިވެންޓެއްކަމަށްވާ މި އިވެންޓް އަޅުގަނޑުމެން މިބާއްވަނީ ކ. ތުލުސްދޫގަ" ނިޒާމް ވިދާޅުވިއެވެ.
މިމުބާރާތް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2022 ވަނަ އަހަރެވެ. އެޔަށްފަހު 2023 އަދި 2024 ގައި ބޭއްވުމަށްފަހު އެއް އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު މިއަހަރު އަލުން މުބާރާތް ބޭއްވުމަށް ނިންމާފައިވާއިރު، މިމުބާރާތުގެ ސަބަބުން ދުނިޔެއަށް ރާއްޖޭގެ ރީތިކަން އިޝްތިހާރުވެގެންދާނެކަމަށް ނިޒާމް ވިދާޅުވިއެވެ.
އޭގެ އިތުރުން މިމުބާރާތުގެ ސަބަބުން ދުނިޔޭގެ އެންމެ ފުންނާބުއުސް ރާޅާއެޅުންތެރިންނާއެކު މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ ބޮޑީބޯޑަރުންނަށް ލިބިގެންދާއިރު، މިއީ މިކުޅިވަރަށް ލިބިގެންދާނެ ކުރިއެރުމެއްކަމަށް ނިޒާމް ފާހަގަކުރެއްވިއެވެ.
"ހަމަގައިމުވެސް ތުލުސްދޫއަށް ބަލާލާއިރު ރާޅާއެޅުމުގެ ސެގްމެންޓް އެއީ އެންމެ ވަރުގަދަ އެއް ސެގްމެންޓް. އެހެންވީމަ ދިވެހިރާއްޖޭގެ ރީތިކަން މުޅި ދުނިޔެއަށް ދައްކާލުމަށްޓަކައި ބޭއްވޭ ވަރަށް ފުރިހަމަ އިވެންޓަކަށް ވެގެންދާނެކަން މިފުރުސަތުގައި ފާހަގަކޮށްލަން" ނިޒާމް ވިދާޅުވިއެވެ.
މޯލްޑިވްސް ޕްރޯ 2026 ލޯންޗްކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުބާރާތުގެ ރަސްމީ ޕޯސްޓަރުވެސްވަނީ ދައްކާލާފައެވެ. މުބާރާތުގެ ޕޯސްޓަރު ލޯންޗްކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓަމަހުގެ 11 އިން 21 ގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ