އަބްދުﷲ ގާޒީ ހައްޔަރުކުރަން ނަޝީދު އެންގެވި: ތޮލްހަތު
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރަން އަމުރުކުރުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންގެވި ކަމަށް، އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ތޮލްހަތު އިބްރާހީމް ކަލޭފާނު މިރޭ ވިދާޅުވެއްޖެ އެވެ.އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ތޮލްހަތުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި މިރޭ ބޭއްވި އަޑުއެހުމުގައި، އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ އޮޕަރޭޝަން ހިންގާފައި ވަނީ އެމްއެންޑީއެފްގެ މާލޭ އޭރިޔާ ކޮމާންޑަރަކަށް އޭރު ހުންނެވި، މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ ބެލުމުގެ ދަށުން ކަމަށެވެ. މި މައްސަލައިގައި ދީދީގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.ކުރީގެ ރައީސް ނަޝީދާއި ތޮލްހަތާއި ދީދީގެ އިތުރުން، އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އޭރުގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ދައުލަތުން ވަނީ، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި، ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. މީގެ ތެރެއިން، ނަޝީދުގެ ޝަރީއަތުގެ ތިންވަނަ އަޑުއެހުން ވެސް މިރޭ ކްރިމިނަލް ކޯޓުގައި ބާއްވާފައިވެ އެވެ. އެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ ހެކި ހުށަހަޅާފަ އެވެ. ވަކިވަކިން ބާއްވަމުންދާ މި އަޑުއެހުންތަކުގައި، ދައުވާ އަށް އިންކާރުކުރައްވައި މޫސާ ޖަލީލް ކުރިން ވިދާޅުވެފައި ވަނީ، އަބްދުﷲ ގާޒީ ބަންދުކުރުމުގެ އެއްވެސް ކަމެއްގައި ބައިވެރިނުވާ ކަމަށާއި އެކަން ކުރުމަށް އޭނާ އަށް އެއްވެސް ފަރާތަކުން އަމުރެއް ކޮށްފައި ވެސް ނުވާ ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރު ކުރަން އަމުރުކުރި ކަމަށް ތޮލްހަތު ވިދާޅުވި ކަމަށް، މޫސާ ޖަލީލް ވިދާޅުވެފައިވެ އެވެ. އާއްމު އުސޫލެއްގެ ގޮތުން ކްރިމިނަލް ކޯޓުގެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ކޮންމެ ގާޒީއަކާ ވަކިން މައްސަލަތައް ހަވާލުކޮށްގެން ނަމަވެސް، މި މައްސަލަތައް ބެލުމަށް ކްރިމިނަލް ކޯޓުން ވަނީ ތިން ގާޒީންގެ ބެންޗެއް އެކުލަވާލައިފަ އެވެ. އެ ބެންޗުގައި އިސް ގާޒީ އަކަށް ހުންނަވަނީ، ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ދެން ތިއްބަވަނީ އަބްދުލްބާރީ ޔޫސުފްގެ އިތުރުން ޝުޖާއު އުސްމާނެވެ.ނަޝީދުގެ ވެރިކަމުގައި، ސިފައިން، 2012 ވަނަ އަހަރު، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ފަސް ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާދިއްތަ ދުވަހު އުފުލީ، އެ މައްސަލައިގައި އެ ބޭފުޅުންގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ހުޅުމާލޭ ކޯޓުގައި އުފުލި، ގާނޫނާ ހިލާފަށް މީހަކު ބަންދުކޮށްގެން ގެންގުޅުމުގެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ