ރަށްރަށުގައި އުޅޭ ގޭންގުތަކުން ނުވަތަ ކުށް ކުރާ ގުރޫޕުތަކުން ފުލުހުންނާ ގާތްކަން ބާއްވާ، ފުލުހުންގެ ތެރެއަށް ވަދެގަތުމަށް މަސައްކަތް ކުރާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޑިވިޝަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުން (ޑީއޯސީ)ގެ ފުރަތަމަ ކޮންފަރެންސް ފެށުމުގެ ގޮތުން އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރަށްރަށުގައި އުޅޭ ގޭންގުތަކުން ފުލުހުންގެ ތެރެއަށް ވަދެގަންނަނީ ފުލުހުންނަށް ވެސް ނޭނގި ކަމަށެވެ. އެގޮތުން ފުލުހުންނާ އެކު ކޮފީތަކަށާއި ފަޅު ރަށްރަށަށް ދަތުރު ގޮސް ކުށްވެރިން ބޭނުންވާ މައުލޫމާތު ހޯދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި އުޅޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި ވިއްކާ މީހުންނާ އެކު ފުލުހުން ސައިކަލު ދުއްވަން ގޮސް، އެ މީހުންގެ ގޭގޭގައި ހީ ސަމާސާކޮށްގެން ކުށްކުރުން ނުހުއްޓުވޭނެ ކަމަށެވެ.
ހޯމް މިނިސްޓަރާއި ޑީސީޕީ ސޯދިގު: ރަށްރަށުގައި އުޅޭ ފުލުހުންގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްގޮތާ ގުޅޭގޮތުން ވާހަކަ ދެއްކެވި-- ހަވީރު ފޮޓޯ: ނިޝާން އަލީ "ބައެއް މީހުން އެބަ ބުނޭ ކިހިނެތްހޭ މި ވެނި ރަށެއްގައި މިވެނި ކަމެއް ހުއްޓުވާނީ. އެ ރަށުގައި ތިބޭ ފުލުހުން ޑިއުޓީ ނިމުނީމައި ޔުނީފޯމު ބާލައިގެން އުޅެނީ އެ ރަށުގައި އުޅޭ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާ އެކީ ވަލު ތެރޭގައި ކުރުނބާ ބޯށޭ. ނޫނީ ފަޅުރަށަކަށް ދަތުރު ގޮހޭ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށްރަށުގައި ހުންނަ ޕޮލިސް ސްޓޭޝަންތަކުގައި އުޅޭ ފުލުހުންގެ އަހުލާގާއި އެމީހުން ގާތްކަން ބާއްވާ މީހުން ޑިވިޝަން ކޮމާންޑަރުން ބަލައި، އެކަންކަން ކޮންޓްރޯލް ކުރަން ޖެހޭނެ ކަމަށެވެ. އަދި ޑިއުޓީ ނިމުމުން ވެސް އެ މީހުންނާ އެކު އުޅެނީ ކޮންބައެއްތޯ އާއި ކޮފީތަކަށް ދާ މީހުން ބަލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް ރަށްރަށުގައި ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ހުރިހާ މައުލޫމާތެއް އެ މައްސަލަ ރައްދުވާ ފަރާތަށް ލިބޭ ކަމަށެވެ. އަދި މިގޮތަށް ފުލުހުންގެ ތެރެއިން މައުލޫމާތު ލީކުވާތީ، މައްސަލަ ހުށަހަޅަން މީހުން ޖެހިލުންވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރަށްރަށުގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން ފެންނަ ބައެއް މައްސަލަތަކާ މެދު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުން މަގުމަތި ޕެޓްރޯލް ނުކުރުމުގެ މައްސަލަ ގިނައިން ދިމާވާ ކަމަށެވެ. އަދި ޔުނީފޯމު އަޅައިގެން ފުލުހުން މަގުމަތީގައި ހިނގާފައި އުޅެން ޖެހޭނެ ކަމަށާއި ޔުނީފޯމުގައި ތިބޭ ފުލުހުން މަގުމަތިން އާއްމުންނަށް ފެންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ބައެއް ރަށްރަށުގައި ފުލުހުން އެބަ އުޅޭ ހަތް މަސް ވާއިރު ވެސް އެއްގޮތަކަށް ވެސް ޔުނީފޯމު ނާޅާ. އެއްގޮތަކަށް ވެސް އެގޮތް ކަމަކު ނުދާނެ. ކޮންމެ ފުލުހަކީ ވެސް ޔުނީފޯމު އަޅަން ޖެހޭ ފުލުހެއް. ޔުނީފޯމު އަޅައިގެން އުޅޭ ތަން މީހުންނަށް ފެންނަން ޖެހޭނެ. އަދި އެ ޔުނީފޯމު އަޅައިގެން މަގުމަތީގައި އުޅޭ މަންޒަރު ވެސް އާއްމު ރައްޔިތުންނަށް ފެންނަން ޖެހޭނެ،" އުމަރު ވިދާޅުވި އެވެ.
ަޑީއޯސީ ކޮންފަރެންސްގައި ބައިވެރިވާ ބައެއް ފުލުހުން: މިއީ މި ފަދަ ފުރަތަމަ ކޮންފަރެންސް-- ހަވީރު ފޮޓޯ: ނިޝާން އަލީ އޭނާ ވަނީ ޕޮލިސް ސްޓޭޝަންތަކުގެ ފުލުހުން ފުލް ޔުނީފޯމުގައި ވީހާ ވެސް ގިނަ ވަގުތު އުޅެވޭނެ ގޮތާއި މަގުމަތީގައި ހިނގާފައި އުޅޭ ގޮތް ހަމަޖައްސައިދެއްވުމަށް ޑިވިޒަން ކޮމާންޑަރުން ގާތު އެދިވަޑައިގެންފަ އެވެ.
ރަށްރަށުގައި މަސައްކަތް ކުރާ ފުލުހުން އެއް ރަށުން އަނެއް ރަށަށް ބަދަލުނުކުރާ މައްސަލަ ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ފުލުހަކީ އެއް ތަނެއްގައި، އެ ތަނަށް ޖަހާފައި ހުންނަ "މޮހޮރެއް"ހެން ހުންނަން ޖެހޭ މީހެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ވާން ޖެހޭނީ ތަރުތީބުން އެނބުރެމުން ދާ މީހެއް ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި އެކަކަށް އެއް ޕޮލިސް ސްޓޭޝަނުގައި އެންމެ ގިނަ ވެގެން ހުރެވޭނީ ހަ މަސް ދުވަހު ކަމަށް ކަނޑައަޅައި އޭގެ ފަހުން އޭނާ އެ ތަނުގައި މަސައްކަތް ކުރެވޭނީ އެހެން ތަނެއްގައި މަދުވެގެން ހަ މަސް ދުވަހު މަސައްކަތް ކުރުމަށް ކަމަށް ކަނޑައަޅަން މިހާރު ޑީއޯސީގައި ވަނީ އެދިވަޑައިގެންފަ އެވެ.
"އެއް ރަށެއްގައި އެއް ފުލުހަކު ތިން ހަތަރު އަހަރު ވަންދެން ހުންނައިރު އޭނާ ހުންނާނީ އެ ރަށަކަށް މޫ ފައިބާފައި. ދެން އޭނާއަކަށް ހަގީގަތުގައި ފުލުހުންގެ ރޯލު އިފެކްޓިވްކޮށް އަދައެއް ނުކުރެވޭނެ. ފުލުހެއް އޭނާގެ މަސައްކަތް ފުޅާކުރުމަށްޓަކައި އެތައް ސަރަހައްދަކަށް ދަތުރުކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ ތެރެއަށް ވަންނަން ގޭންގުތަކުން މަސައްކަތް ކުރޭ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ