ލިސްޓު މާދަމާ ސައްހަކުރެވުނަސް އިންތިޚާބު ނުބޭއްވެންވީ ސަބަބެއް ނެތް: ގާސިމް

ވޯޓުލާ މީހުންގެ ލިސްޓު ސައްހަ ކަމަށް މާދަމާ ކަނޑައެޅުނަސް ކުރިން ކަނޑައަޅާފައިވާ ގޮތަށް އަންނަ ހޮނިހިރުދުވަހު ރިޔާސީ އިންތިޚާބު ނުބޭއްވެންވީ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުޖާތާ ސިންހްއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ހޮނިހިރުދުވަހު އިންތިޚާބު އޮންނާނެތޯ ނުވަތަ ނޫންތޯ ސުޖާތާ އެއްސެވި ކަމަށެވެ. ޖުމްހޫރީ ގުޅުމުން ބޭނުންވަނީ އިންތިޚާބު އިތުރަށް ލަސްނުކޮށް ބާއްވަން ކަމަށާއި މާދަމާ ވެސް ވޯޓާސް ލިސްޓު ސައްހަ ކަމަށް ކަނޑައެޅިއްޖެ ނަމަ އިންތިޚާބު ނުބޭއްވެންވީ ސަބަބެއް ނެތް ކަމަށް ދެންނެވި ކަމަށް ގާސިމް ވިދާޅުވި އެވެ.
ވޯޓާސް ލިސްޓު ނޫން އެހެން މައްސަލައެއް ފެނިވަޑައިނުގަންނަވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެ ލިސްޓު ފޮނުވިހާ އަވަހަކަށް ލިސްޓު ބެލުމުގެ މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އެކަން ވީހާ ވެސް އަވަހަށް ނިންމާލެވޭތޯ މަސައްކަތްކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބޭނުމެއް ނެތް ލަސްކުރުމުގެ، އެއްވެސް އިންޓެންޝަނެއް ނެތް. އިލެކްޝަން ބޭއްވުން ލަސްކުރުމުގެ އެއްވެސް އިންޓެންޝަނެއް އަޅުގަނޑުމެންގެ ނެތޭ މިދަންނަވަނީ،" އޭނާ ވިދާޅުވި އެވެ.
ރީރެޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 3،000 ފޯމުގެ އިނގިލީގެ ނިޝާނުގެ ސައްހަކަން ކަށަވަރު ކުރުމަށް ޖުމްހޫރީ ގުޅުމުގެ ކެމްޕެއިން ސްޓިއަރިން ކޮމިޓީގެ ޗެއާމަން އުމަރު ނަސީރު ގޮވާލައްވާފައިވީ ނަމަވެސް ލިސްޓު ބަލަމުންދާ އިރު މައްސަލައެއް ކުރިމަތި ނުވެއްޖެ ނަމަ އެކަން ކުރަން ނުޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެކަމަކު ފާހަގަކުރެވޭ މައްސަލަތައް އިތުރުވެއްޖެ ނަމަ އިނގިލީގެ ނިޝާން ސައްހަކުރުމަށް ހުށަހަޅާފައިވާ އަދަދު އިތުރު ކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާ ހައި ކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އުމަރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް މިހާރު ފޮނުވާ ލިސްޓުގައި ހުރި މައްސަލަތައް ފާހަގަކޮށް، އެކަންތައްތައް އެ ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރޭގައި މަދުން ނަމަވެސް މަރުވެފައިވާ މީހުންގެ ނަން ހިމެނޭ އިރު ނަން ތަކުރާރުވެފައިވާ 62 މީހަކާއި ވޯޓްލާން ޖެހޭ ފޮއްޓެއް ކަނޑައަޅާފައި ނުވާ 1،642 މީހެއް ފާހަގަކުރެވިފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވެރިފައި ކުރަން ލިބުނީ 24 ގަޑިއިރަށް ވުރެ ކުޑަ ވަގުތު ކޮޅެއް. އަޅުގަނޑުމެން ވެރިފައި ކޮށްފައި ވާނީ ފޮނުވާފައި. އެދިފައި އޮންނާނީ ބޭނުމޭ އިތުރު ޓައިމް ވެރިފައި ކުރަން. ކުރުގަޅުވާލާފައި އިލެކްޝަން ބާއްވަން އުޅުނީމަ އޭގެ އިންޓެގްރިޓީ އެބަ ގެއްލޭ. އެހެންވީމަ އިންޓެގްރިޓީ ނުގެއްލޭ ގޮތަކަށް އިލެކްޝަން ބާއްވާށޭ،" އޭނާ ވިދާޅުވި އެވެ.
ވޯޓާސް ލިސްޓު ބެލުމަށް ކިހާ ވަގުތެއް ނަގާނެ ކަމަށް ލަފާކުރެވޭތޯ "ހަވީރު"ން ދެންނެވުން އުމަރު ވިދާޅުވީ ކަނޑައެޅިގެން ވަކި ވަގުތެއް ނަގާނެ ކަމަށް ވިދާޅުވާން ދަތި ކަމަށެވެ. ނަމަވެސް ފައިނަލް ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ކުރިން އެ ލިސްޓު އެއްކޮށް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއް ދުވަހުގެ މުއްދަތަށް ރޭ ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ މިއަދު ހެނދުނު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފަ އެވެ. އަދި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ވެސް އޭނާ މެންދުރުފަހުގެ ވަގުތެއްގައި ބައްދަލުކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ