ވޯޓު ސިއްރުކުރަން ވޯޓުދިން ފަރާތްތަކަށް ރިޔާސީ އިންތިހާބުގައި ތާއީދެއް ނުކުރާނަން: އަދާލަތު

ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރުމާ އެއްކޮޅަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެއްވި މެމްބަރުންނަށް އަންނަ ރިއާސީ އިންތިހާބުގެ ކެމްޕޭންގައި ތާއީދުނުކުރާނެ ކަމަށް، ސަރުކާރާ ގުޅިފައިވާ އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން ފެންނަ ކަމަށް މިއަދުގެ ޖަލްސާގައި ވޯޓު ދެއްވީ 34 މެމްބަރުންނެވެ. މަޖިލީހުގެ ގަވާއިދަށް ގެންނަ އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 39 މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވި އެވެ.އަދާލަތުން ވަކި ބޭފުޅެއްގެ ނަމެއް ނުބުނެ އެވެ.އެ ޕާޓީން 2008 ގެ ރިޔާސީ އިންތިޚާބުގައި ތާއީދުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށެވެ. އަދި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރެއްވި ބޭފުޅުންގެ ތެރެއިން މިއަދުގެ ވޯޓަށް ތާއީދުކުރެއްވީ ވެސް ގާސިމް އެކަންޏެވެ.އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން ފެންނަ ކަމަށް، އެމްޑީޕީގެ މެމްބަރުންގެ އިތުރުން ވޯޓު ދެއްވީ ގާސިމާއި އަބްދުﷲ ޖާބިރާއި އަލްހާން ފަހުމީ އާއި ހަސަން އާދިލާއި ޑީއާރުޕީގެ އަލީ އާޒިމެވެ. މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމާއި ވެލިދޫ ދާއިރާގެ އަލީ މުހަންމަދު ވަކިކޮޅަކަށް ވޯޓު ނުދެއްވަ އެވެ.އަދާލަތު ޕާޓީގެ އިސް ވެރިއަކު ވިދާޅުވީ ސަރުކާރަށް ތާއީދުކުރާ ކޯލިޝަންގެ ތެރެއިން ބައެއް ބޭފުޅުން، މިއަދުގެ ޖަލްސާގައި އަމަލުކުރި ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ."މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފިކުރާ ދެކޮޅަށް ވޯޓު ލީ ބޭފުޅުންނަށް  2013 ގައި އަޅުގަނޑުމެން ތާއީދެއް ނުކުރާނަން. މިފަދަ މުހިންމު ދަނޑިވަޅެއްގައި ގައުމުގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރުމަކީ ރަނގަޅު ކަމެއް ނޫން. ވޯޓުތައް ސިއްރުކޮށްގެން އުޅުމަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި އަމިއްލަ މަސްލަހަތު ކުރިއަށް ނެރުން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ