ޖޫން މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރު: އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތައް

މި އަހަރުގެ ޖޫން މަހު ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ޖުމްލަ 241 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ތަފާސްހިސާބުތަކަކީ އެ މިނިސްޓްރީއަށް މަހުން މަހަށް ހުށަހެޅޭ މައްސަލަތަކުގެ މައްޗަށް ބިނާކޮށް އާންމުކޮށްފައިވާ މައުލޫމާތުތަކެކެވެ. މިނިސްޓްރީން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ ޖޫން މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 86 މައްސަލައެއް ރިޕޯޓްކޮށްފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ 53 އަންހެން ކުދިންނާއި 33 ފިރިހެން ކުދިންނެވެ. މީގެ ތެރެއިން އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ގޯނާގެ 25 މައްސަލައެއް ރިޕޯޓްކޮށްފައި ވާއިރު، އޭގެ ތެރޭގައި 22 އަންހެން ކުދިންނާއި ތިން ފިރިހެން ކުދިން ހިމެނެއެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބު... ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެ ބާވަތުގެ ޖުމްލަ 17 މައްސަލައެއް ހުށަހެޅިއިރު، އޭގެތޭގައި 11 ފިރިހެން ކުދިންނާއި ހަ އަންހެން ކުދިން ހިމެނެއެވެ. މީގެ އިތުރުން އިހުމާލުވުމުގެ 14 މައްސަލައަކާއި، ގެވެށި އަނިޔާ ފެނުމުގެ އަށް މައްސަލައެއްގެ އިތުރުން ނަފްސާނީ އަނިޔާގެ ފަސް މައްސަލައެއް ވެސް ވަނީ ރިޕޯޓްކޮށްފައެވެ. ކުޑަކުދިންނަށް ބުލީކުރުމާ ގުޅޭ ނުވަ މައްސަލައެއް ފާހަގަކުރެވިފައިވާއިރު، މީގެ ތެރޭގައި ސައިބަ ބުލީކުރުމުގެ މައްސަލައެއް ވެސް ހިމެނެއެވެ. އަދި ބްލެކްމެއިލް ކުރުމުގެ ތިން މައްސަލައަކާއި، ސައިބަ ގްރޫމިންގްގެ ދެ މައްސަލައެއްގެ އިތުރުން، ކުޑަކުދިން ބޭނުންކޮށްގެން އޮރިޔާން ކާޑު އުފެއްދުމުގެ މައްސަލައަކާއި ކުޑަކުދިން ޓްރެފިކް ކުރުމުގެ މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފައެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބު -- އަނިޔާގެ މައްސަލަތަކުގެ އިތުރުން، ކުދިންގެ އުޅުމާ ގުޅޭ 24 މައްސަލައެއް މިނިސްޓްރީން ވަނީ ބަލާފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ރުޅިގަދަވުމުގެ މައްސަލަތަކެވެ. އެގޮތުން ރުޅިގަދަވުމުގެ 10 މައްސަލައަކާއި، ސްކޫލަށް ދާން ދެކޮޅު ހެދުމުގެ ހަތް މައްސަލައެއްގެ އިތުރުން ގެއިން ފިލައިގެން ދިޔުމުގެ މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ހުށަހެޅިފައެވެ. އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނެފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށާއި، އެފަދަ ކަންކަން ދިމާވާ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ އެއްވެސް ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ބެލެނިވެރިންނަށާއި މުޖުތަމައަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ