ރާއްޖޭގައި މަރުވި ސިންގަޕޫރު ދަރިވަރުގެ ސްކޫލާ ދެކޮޅަށް އާއިލާއިން ދައުވާކޮށްފި

ސިންގަޕޫރުގެ ސެއިންޓް ޖޯސެފް އިންސްޓިޓިއުޝަން އިންޓަނޭޝަނަލް (އެސްޖޭއައިއައި)ގެ ދަރިވަރުންތަކެއް ރާއްޖެ އައިސް ފެހުރިހި ބަލަން އދ. ދިގުރަށް ކައިރީ އުޅެނިކޮށް ދޯނީގެ ބުރަފަތީގައި ޖެހިގެން މަރުވި ދަރިވަރުގެ އާއިލާ އިން ސްކޫލާ ދެކޮޅަށް ދައުވާކޮށްފި އެވެ.
ވީ ކިހިނެއް؟ - އެސްޖޭއައިއައިގެ ދަރިވަރުންތަކެއް ރާއްޖެ އައީ ސްކޫލު ޕްރޮޖެކްޓެއްގެ މަސައްކަތެއް ކުރުމަށެވެ. ދޯނީގެ ބުރަފަތީގައި ޖެހިގެން މަރުވީ އެ ސްކޫލުގެ ދަރިވަރު ޖެނާ ޗާން، 15، އެވެ.
ތަފްސީލް - ޖެނާގެ އާއިލާ އިން ސިންގަޕޫރުގެ ނޫސްތަކަށް ބުނެފައިވަނީ ނޮވެމްބަރު 2024ގައި ހިނގި އެ ހާދިސާ ހިނގައިދިޔަ ގޮސް ސާފުކުރުމަށް 20 މަސް ވަންދެން މަސައްކަތް ކުރި ކަމަށާއި ސްކޫލާ ދެކޮޅަށް ދައުވާ ކުރަން ނިންމީ ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުވުމުން ކަމަށެވެ.
"އެއްވެސް އަލިމަގެއް ނުފެނި ދޮޅު އަހަރު ވެގެން ދިޔައީ. އެހެން އެއްވެސް ކުއްޖަކަށް މިފަދަ ހާދިސާއެއް ދިމާނުވާނެކަން ޔަގީން ކުރުމަށް. ޖެނާގެ ފަހުން އެހެން ކުއްޖަކަށް އެފަދަ ހާދިސާއެއް ދިމާނުވާނެކަން ޔަގީން ކުރުމަށް،" އާއިލާ އިން ބުނެފައިވެ އެވެ.
ޖެނާގެ މަރާ ގުޅިގެން އާއިލާ އިން ސާފުކުރަން ބޭނުންވާ މައުލޫމާތު ސްކޫލުގެ ފަރާތުން ސާފުކޮށް ނުދޭ ކަމަށާއި ދަތުރުގައި ދަރިވަރުންނާ އެކު ބައިވެރިވި ޓީޗަރުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ވެސް ނުދޭ ކަމަށް އާއިލާ އިން ބުނެ އެވެ.
ޖެނާގެ 17 ވަނަ އުފަންދުވަހާ ދިމާކޮށް އާއިލާ އިން ސިންގަޕޫރުގެ ހައި ކޯޓަށް މައްސަލަ ހުށަހެޅީ ކޮން ކަހަލަ ބަދަލެއް ހޯދަން ކަމެއް ރިޕޯޓުކޮށްފައެއް ނުވެ އެވެ.
ޖެނާ މަރުވީ މޫދަށް ސްނޯކްލިންއަށް ފޭބިތާ މާ ގިނައިރުތަކެއް ނުވެ، އެ ތަނަށް އެ މީހުން ދިޔަ ދޯނީގެ ބުރަފަތީގައި ޖެހިގެންނެވެ. އޭނާ މަރުވީ ލޭ ހުސްވެގެން ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ