ރައްޔިތުން އެދޭގޮތަށް ގައުމުގެ މަސްލަހަތު ހިމާޔަތްކޮށް އަމާންކަމާ އެކު ތަރައްގީ އަށް މަސައްކަތް ކުރާތަން ފެނިއްޖެނަމަ އެ ބޭފުޅަކަށް ވޯޓުދޭން ތައްޔާރު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އުތުރުގެ ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެވަޑައިގެން ރަސްމީ ފާލަމުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ގައުމުގެ ވެރިކަމުގައި ހުރީ ކާކުތޯ ބެލުމަށް ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. ރައްޔިތުން ބޭނުން ވަނީ ގައުމީ ތަރައްގީ ކަމަށާއި ގައުމަށް މައްސަލަ ދިމާވެފައި ވަނީ ރައްޔިތުންގެ ކަންކަން ކޮށްނުދެވިގެން ކަމަށާއި ގައުމީ ތަރައްގީ އަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.
"އެގޮތަށް [ތަރައްގީ އަށް] ކަންތައްކުރަމުންދާ ތަން ފެނިއްޖިއްޔާ އެ ބޭފުޅަކަށް ވޯޓުދޭން އަޅުގަނޑު ވެސް މިހިރީ ތައްޔާރަށޭ އަބަދުވެސް ބުނަމުން މިދަނީ. ކޮންމެހެން ކޯލިޝަންގެ ވާހަކަ ދައްކަވާނެ ކަމެއް ނެތް، އަޅުގަނޑު ވެސް މިހިރީ އެ ބޭފުޅަކަށް ވޯޓު ދެއްވާށޭ ރިޔާސީ ކެންޑީޑޭޓަކަށް ހުރި ކަމުގައި ވިއަސް. އެހެން ނަމަވެސް އެކަން ވާން ވާނީ ލެވިފައިވާ ދުސްތޫރުގެ މައްޗަށް ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން،" ރައީސް މުހައްމަދު ވަހީދުގެ ކޯލިޝަނާ ގުޅިވަޑައިގަތުމަށް ވިސްނަވަންތޯ "ހަވީރު"ން ސުވާލުކުރުމުން ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމަށް ބޭނުން ވަނީ އެއް ބަޔަކު އަނެއް ބަޔަކަށް އަރައިރުންވުމާއި ހަޅޭއްލެވުމެއް ނޫން ކަމަށާއި ރައްޔިތުން ބޭނުން ވަނީ ހައްލު ކަމަށެވެ. ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުއްޓަސް ގައުމަށް ބޭނުން ވަނީ ހިދުމަތް ކަމަށާއި ގާނޫނީ ހުދޫދުގެ ތެރެއިން ގައުމު ހިންގަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޗޭންޖް [ބަދަލު] ގެނެވޭނެ މާތް ﷲ އިރާދަކުރެއްވިއްޔާ. އަދި ތަރައްގީވެސް ކުރެވޭނެ، އެކަމަށް ހިތްވަރު ހުރެގެން ވިޝަން ހުރެގެން ގާނޫނި ހުދޫދުގެ ތެރޭގައި، ޗާޓުން އެތެރޭގައި އިނގޭތޯ ކަންތައްތައް ކުރެވޭނީ. ބޮޑު މަންޒަރު ވެސް ޗާޓުން އެތެރޭގައި ކުރެހޭނެ، ހުރިހާ މަންޒަރެއް ވެސް ތަސްވީރެއް ވެސް ކުރެވޭނެ، އެކަން އިރާދަކުރެއްވިއްޔާ 2013 އަހަރުގެ ރިޔާސީ އިންތިހާބުގައި،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އަށް ފުރުސަތު ދީފި ނަމަ މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ.
ރާއްޖޭގައި އޮތީ ދެ ފިކުރު ކަމަށް ބުނެ ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކައަކީ "ރޯ ދޮގެއް" ކަމަށް ގާސިމް ވިދާޅުވި އެވެ. އެއީ ޕްރޮޕަގެންޑާ އަޑުތަކެއް ކަމަށާއި ރައްޔިތުންނަށް އެކަން ސާފުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 130 އެއްހާ ރަށަށް ވަޑައިގެންނެވިއިރު، އެކި ރަށްތަކުން އެ ޕާޓީ އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ މަންޒަރު ފެނިވަޑައިގެންނެވި ކަމަށެވެ.
ރަށްރަށަށް ބޭނުންވާ ހިދުމަތްތައް ނުލިބިގެންނާއި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ނުގެންދެވިގެން ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް ގާސިމް ވިދާޅުވި އެވެ. ރަށް ރަށުގައި ހުރި ސިއްހީ ހިދުމަތްދޭ ގިނަ ތަންތަނުގައި "އެއްވެސް އެއްޗެއް ނެތް" ކަމަށާއި ތައުލީމީ ދާއިރާގެ ހާލަތު ވެސް ވަރަށް ދަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ ތަންތަނުގައި ޖަހާނެ އިންޖިކްޝަނެއްހާ ހިސާބު ވެސް ނެތް. އެހެންވީމަ ޑޮކްޓަރެއް ހުރުމުގެ މާބޮޑު ބޭނުމެއް ވެސް ނެތް. ވަރަށް ހިތްދަތި ކަންތައްތަކެއް ފެނިގެން ދިޔަ،" ގާސިމް ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ވިދާޅުވީ މާލޭޣައި ފެން ޕްލާންޓުން ފެން ލިބުނު ނަމަވެސް ބައެއް ރަށްތަކުގައި ފެން ތަޣައްޔަރުވެ ފެންވަރާލުމަށް އެކަށީގެންވާ ފެން ފޮދެއް ވެސް ލިބެން ނެތް ކަމަށެވެ. އެއީ "ކަރުނައަޅައި ރޯންޖެހޭނެ" ކަންކަން ކަމަށް ވިދާޅުވި އެވެ.
ރަށްތަކަށް ދަތުރުކުރެއްވި އިރު ތަފާތު ހިޔާލުތައް އަޑުއިވިވަޑައިގެންނެވި ކަމަށާއި ދިމާކުރުމުގެ ކަންތައްތަކެއް ހިންގާފައި ވަނީ އެމްޑީޕީގެ ބަޔަކު ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރަށްރަށުގައި އެކުވެރި ކަމާއި ބަދަހިކަން ދަމަހައްޓަން ޖެހެ އެވެ. އެ މީހަކު ތާއީދުނުކުރާ މީހަކަށްވީތީ އެ މީހަކަށް ހުރަސްއެޅައި ހަމަނުޖެހުން ހިންގުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ޕާޓީތަކުގެ ހިޔާލުތަފާތުވުންތަކުގައި ރައްޔިތުން ތަޅާފޮޅުމުން ނިކަމެތިކަން ލިބެނީ ވެސް ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.
ގައުމުގެ ކުރިއެރުމާއި ތަރައްގީ އަށް މަސައްކަތްކުރާ ބޭފުޅަކަށް ވޯޓުދޭން ތައްޔާރު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ