ސްކޫލް ކުދިން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވެއްދެވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ސްކޫލް ކުދިން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވެއްދެވުމަށް، ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ތިލަދުންމަތީ އުތުރުބުރީ ވަށަފަރަށް ކުރެއްވި ޒިޔާރަތުގައި، އެރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްކޫލް ދާއިރާއަކީ ތަޢުލީމް ޙާޞިލް ކުރުމަށްޓަކައި އަދި ރަނގަޅު ތަރުބިއްޔަތެއް ލިބުމަށްޓަކައި އުފެއްދިފައިވާ މާޙައުލެއްކަން ފާހަގަކުރައްވައި، ސްކޫލްގެ ތެރޭގައި ކުދިންނަށް ދަސްކޮށްދެއްވަންވާނީ، ރަނގަޅު އަޚްލާޤާއި ރިވެތި ނަމޫނާ ކަމުގައި ވިދާޅުވިއެވެ.
އަދި މިކަމުގައި ޓީޗަރުން އަދާކުރައްވާ މުހިންމު ދައުރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ޓީޗަރުންގެ ފަރާތުން ރިވެތި އަޚްލާޤާއި، ރަނގަޅު ގޮތްތައް ދަރިވަރުންނަށް ނުފެންނަނަމަ، އޭގެ ސަބަބުން ވަރަށް ނޭދެވޭ އަސަރުތަކެއް ދަރިވަރުންނަށް ކުރަމުންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިއަދު އަޅުގަނޑުމެން މުސްތަޤްބަލްގެ ބިންގާ އަޅާއިރު، އެ ބިންގާ އަޅައިދޭ އެންމެ މުހިންމު އެއް މުއައްސަސާއަކީ، ސްކޫލްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، މުޖްތަމަޢުގައި ހިނގާ އެކިއެކި ތަފާތުތަކާއި، ފިކުރީ އެކިއެކި ދެބަސްވުންތައްފަދަ ކަންކަން ސްކޫލްތެރެއަށް ނުވައްދަވައި، ސްކޫލްތެރެއަކީ ސިޔާސީ ކަންކަމުން ހިމާޔަތްކުރެވި، އަޅުގަނޑުމެންގެ ދަރިންނަށް ރައްކާތެރިކަން ދެވިފައިވާ ތަނެއް ކަމަށް ހެއްދެވުމަށްވެސް ހުރިހާ ޓީޗަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތެވެ.
ތިލަދުންމަތީ އުތުރުބުރީ ވަށަފަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގަތީ އެއަތޮޅު ކެލައަށެވެ. ކެލާ ރައްޔިތުންނާ މުޚާތަބު ކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އެރަށު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، އެރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވަން ނިންމަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ.
މިގޮތުން، ކެލާ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢާއި، ނަރުދަމައާއި ބޯފެން ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމްކޮށްދެއްވުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. އަދި ދައުލަތުގެ ބަޖެޓް ތަންދިން މިންވަރަކުން މިހާރު ރޭވިފައި ހުރި ކަންކަން ބަރާބަރަށް ކުރިއަށް ގެންދަވާނެ ކަމަށާއި، އަލަށް ރާއްވަވަން ޖެހިފައިވާ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތްތައްވެސް ހޯއްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކެލާގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ. މިގޮތުން، ކެލާގައި ފަތުރުވެރިކަމުގެ ކަންކަން ފެށުމަށް އިންވެސްޓަރުން ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ