އިންޓަރ ކޮލެޖު/ހައި ސްކޫލް ހޭންޑްބޯޅަ މުބާރާތް ފަށައިފި

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ ކޮލެޖު/ހައި ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ކުޅުން ފަށައިފި އެވެ.
މިއަހަރުގެ މުބާރާތް އިއްޔެ ހަވީރު ފެށިއިރު، މިފަހަރުގެ މުބާރާތްވެސް ކުރިއަށް ގެންދަނީ ފިރިހެން އަދި އަންހެން ވަކިން ނެވެ. މި މުބާރާތުގެ ފިރިހެން ބައި ކުރިއަށް ގެންދަނީ ކޮލެޖުތަކާއި ޔުނިވާސީޓިތައް އެއް ޑިވިޝަނެއްގައި އަދި ހައި ސްކޫލްތައް ވަކި ޑިވިޝަނަކަށް ބަހާލައިގެން ނެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު ފިރިހެން ބައިގެ ފުރަތަމަ މެޗުގައި އިސްލާމިކް ޔުނިވާ ސިޓީ އަތުން ސައިރެކްސް ކޮލެޖް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. ސައިރެކްސް މޮޅުވީ 23-02 ލަނޑުން ނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސައިރެކްސް ކޮލެޖުގެ ޝައިހާން މުހައްމަދެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު ދެ ވަނަ މެޗަކީ އަންހެން ބައިގެ މެޗެކެވެ. މިމެޗް މައި ކޮލެޖުން ކާމިޔާބު ކުރީ ވިލާ ކޮލެޖާ ވާދަކޮށް 5-3 އިންެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މައި ކޮލެޖުގެ ހަލީމަތު ހަސްނާއެވެ.
މީގެއިތުރުން މިމުބާރާތުގައި އިއްޔެ ކުޅުނު ތިން ވަނަ މެޗަކީ ވެސް އަންހެން ބައިގެ މެޗެކެވެ، މިމެޗުގައި ބައްދަލުކުރީ ވިލާ އިންޓަނޭޝަނަލް ހައި ސުކޫލާއި ސައިރެކްސް ކޮލެޖެވެ. މިމެޗް ނިމުނީ 5-5 އިން ދެޓީމް އެއްވަރު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސައިރެކްސް ކޮލެޖުގެ ދީމާ މުހައްމަދެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ފިރިހެން ބައިން ވާދަކުރާ އެވިޑް ކޮލެޖާއި ވިލާ ކޮލެޖް އެވެ. މިމެޗް 22-7 އިން ކާމިޔާބު ކުރީ އެވިޑް ކޮލެޖެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަބްދުﷲ ޒިޔާއު އެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން ކޮލެޖު ބައިގައި 4 ކޮލެޖަކާއި 1 ޔުނިވާސިޓީއަކުން ވަނީ ބައިވެރިވެފައެވެ. އެއީ އެވިޑް ކޮލެޖާއި ވިލާ ކޮލެޖާއި ސައިރިކްސް ކޮލެޖާއި މައި ކޮލެޖުގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އެވެ.
މި މުބާރާތުގެ ފިރިހެން ހައި ސްކޫލް ބައިގައި ބައިވެރިވެފައިވަނީ 2 ސްކޫލަކުން، ނެވެ. އެއީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އެވެ،
މި މުބާރާތުގެ އަންހެން ބައިގައި 1 ޔުނިވާސިޓީ އާއި 3 ކޮލެޖުގެ އިތުރުން 1 ހައި ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އާއި ސައިރިކްސް ކޮލެޖާއި މައި ކޮލެޖާއި ވިލާ ކޮލެޖުގެ އިތުރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އެވެ.
މިމުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ