ހުޅުމާލޭގައި އިތުރު 1000 ހައުސިންގ ޔުނިޓް އިމާރާތްކުރަން މިހަފްތާގައި ހަވާލުކުރަނީ

ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި އިތުރު 1000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ކުންފުނިތަކާ ހަވާލުކުރާނެ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ހުޅުމާލޭގެ ފޭސް 2 ގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 1000 ހައުސިންގ ޔުނިޓްތައް އެޅުމުގެ މަސައްކަތް މިހަފްތާގައި ހަވާލުކުރެވޭނެ ކަމަށެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ނާޒިމް ވިދާޅުވީ، މި މައްސައްކަތް ހަވާލުކުރެވެނީ ސަތޭކަ އިންސައްތަ ދިވެހި ކުންފުނިތަކަކާއި ކަމަށާއި، މި މަޝްރޫއުގެ މަސައްކަތް 5 ކުންފުންޏަކުން ކުރާނެކަމަށެވެ. އެގޮތުން ކޮންމެ ކުންފުންޏަކުންވެސް 200 ހައުސިންގ ޔުނިޓް އިމާރާތްކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ. ކޮންމެ 200 ޔުނިޓެއްގައި 2 ކޮޓަރި އެޕާޓްމަންޓްގެ 60 ޔުނިޓާއި 3 ކޮޓަރި އެޕާޓްމަންޓްގެ 140 ޔުނިޓް ހިމެނޭނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މި ޔުނިޓުތަކަކީ މިހާތަނަށް ރާއްޖޭގައި ސޯޝަލް ހައުސިންގއަށް ތަރައްޤީކޮށްފައިވާ ޔުނިޓުތަކަށްވުރެ ޖާގަ ތަނަވަސް ތަންތަނަށް ވާނެކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގައި 700 އަކަފޫޓު ހުންނާނެ ކަމަށާއި، 3 ކޮޓަރީގެ އެޕާޓްމަންޓްތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެއިތުރުން އިމާރާތްތަކުގެ ފިނިޝިންއާއި ބޭރުގެ ޖާގަތަކަށްވެސް ހާއްސަ ސަމާލުކަމެއް ދެވޭނެއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މިހާރުވެސް މާލެ ސަރަޙައްދާއި އަތޮޅުތަކުގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތައް ކުރިއަށްދާކަމަށާއި އެގޮތުން، ހުޅުމާލެ ފޭސް އެކެއް ގައި ތިން ބިމެއް އަދި ވިލިމާލޭގައި އެއް ބިން މިހާރުވެސް ދިވެހި ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގައި ގައި މަސައްކަތް ކުރުމަށް ޗައިނާގެ ދެ ކުންފުންޏަކާވެސް ބިން ހަވާލުކޮށްފައިވާކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ