ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް އަލަށް އައްޔަނުކުރި ހަސަން ޒަރީރަށް ރުހުން ދޭން ފެންނަ ކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ޒަރީރުއަށް ރުހުން އޮތް ކަމަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު، އަލީ ފަޒާދު އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު އެވެ.
ޒަރީރުއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރީ މިއަދުގެ ކޮމިޓީއަށް ހާޒިރުވެތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމަށް ޒަރީރު އައްޔަނުކުރީ އެ މަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޒަރީރު ހުންނެވީ ޓެކްސް ކޮމިޝަނަރުގެ މަގާމުގަ އެވެ. އޭގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.
މީގެކުރިން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވާފައިވާ ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަގާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާ (އައިއައިޔޫއެމް) ގައި ބެޗެލާ އޮފް އެކައުންޓިންގް އަދި މާސްޓާ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާސިލްކުރައްވާފަ އެވެ.
އޭނާ ވަނީ، އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީ.ޖީއެމްއޭ) އާއި، އޮސްޓްރޭލިއާގެ ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓް ގެ ކޮލިފިކޭޝަން ހާސިލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ