ޔޫރަޕްގެ ބޮޑު ބަޔަކަށް ކުރިމަތިވެފައިވާ ގަދަ ހޫނާ އެކު އާދީއްތަ ދުވަހު ހޫނުމިން 40 ޑިގްރީ ސެލްސިއަސްއާ ގާތްކޮށްފި އެވެ.
އުތުރު ބިތުގެ ގައުމުތަކަށް އަހަރުގެ އެންމެ ހޫނު ގަދަ ތިން މަސް ފެށޭ ދުވަސް ކަމަށްވާ ޖޫން 21 ވަނަ ދުވަހު މިގޮތަށް ހޫނުމިން މައްޗަށް ދިއުމުން، މިއީ އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްތަކެއް ކުރިއަށް އޮތް ކަމުގެ ނިޝާނެއް ކަމަށް ބެލެވި ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.
ފިނިހޫނުމިން 35 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައި ހުންނަތާ ފަސް ދުވަސް ވުމަށްފަހު، އިޓަލީގެ ކަމާބެހޭ އިދާރާތަކުން ވަނީ ޖޫން 21 ވަނަ ދުވަހު އެ ގައުމުގެ އަށް ސިޓީއަކަށް ރަތް އެލާޓް ނެރެފަ އެވެ. އޭގެ ތެރޭގައި ބޮލޯނިއާ، ފްލޮރެންސް، މިލާން އަދި ޓިއުރިން ހިމެނެ އެވެ.
މިގޮތަށް ހޫނުމިން މައްޗަށް ދަނީ "އެފްރިކަން އެންޓިސައިކްލޯން" ގެ ނަމުން ނަންދެވިފައިވާ ބާރުގަދަ ހައި-ޕްރެޝަރު ސިސްޓަމެއްގެ ސަބަބުން، ސަހަރާ ސަރަހައްދުން އުތުރަށް ޖެހެމުންދާ ހޫނު ވައިގެ ސަބަބުންނެވެ.
މޫސުމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި، މި ސިސްޓަމްގެ ސަބަބުން "ހީޓް ޑޯމް" އެއް އުފެދި، ޔޫރަޕްގެ ހުޅަނގާއި މެދުތެރޭގެ ސަރަހައްދުތަކުގައި ހޫނު ވައި ބަންދުވެ، ދުވަހުން ދުވަހަށް ފިނިހޫނުމިން ދަނީ މަތިވަމުންނެވެ.
ސްޕެއިންގެ މޫސުމާ ބެހޭ އިދާރާ، އޭއީއެމްއީޓީ އިން ވަނީ އެ ގައުމުގެ އެކި ސަރަހައްދުތަކަށް ރަތް އަދި އޮރެންޖް އެލާޓް ނެރެފަ އެވެ. އައިބީރިއަން ޕެނިންސިއުލާގެ ބޮޑު ބަޔަކާއި މަޔޯކާގައި ފިނިހޫނުމިން 39 އާއި 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވާނެ ކަމަށް ލަފާކޮށް، މި ހޫނުމިން ހަފުތާގެ މެދާ ހަމައަށް ދެމިގެންދާނެ ކަމަށް އެ އިދާރާއިން އިންޒާރު ދީފައިވެ އެވެ.
މި އާދަޔާ ހިލާފު ހޫނުގެ ސަބަބުން ގައުމުތަކުގެ އުމްރާނީ ވަސީލަތްތަކަށް ވެސް ވަނީ ބުރޫއަރަން ފަށާފަ އެވެ.
ޕެރިސްގެ ގާ މޮންޕާނާސް ސްޓޭޝަނުގައި ހުންނަވައި ވާހަކަ ދައްކަވަމުން، ފްރާންސްގެ ރޭލްވޭ އޮޕަރޭޓަރު އެސްއެންސީއެފްގެ ވެރިޔާ ޖީން ކާސްޓެކްސް ވިދާޅުވީ، ހޫނުގަދަވުމުގެ ސަބަބުން ރޭލު ދަތުރުކުރާ ކަރަންޓު ނެޓްވޯކަށާއި ރޭލު ދަގަނޑުތަކަށް ގެއްލުންވުމުގެ ފުރުސަތު އޮތުމުން، ރޭލު ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރޭލު ނެޓްވޯކް ބެލެހެއްޓުމަށް 3،500 މުވައްޒަފުން ވަނީ ނެރެފަ އެވެ. އަދި ކުއްލި ހާލަތްތަކުގައި މަރާމާތު ކުރުމަށް އިތުރު 2،000 މުވައްޒަފުން ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޖަރުމަނުވިލާތުގެ ފިނިހޫނުމިން މިހާރު ވެސް 38 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާއިރު، އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ، ޑީޑަބްލިއުޑީ އިން ވަނީ ބާލިން ހިމެނޭހެން އިރުމަތީ ސަރަހައްދުތަކަށް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް އިންޒާރު ދީފަ އެވެ.
މާހިރުން ވިދާޅުވާ ގޮތުގައި، މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޔޫރަޕަށް އާދަޔާ ހިލާފަށް ހޫނުވުން އިތުރުވެ، އޭގެ ނުރައްކާ ބޮޑުވަމުންދާ ކަމުގެ ހެއްކެކެވެ.
ޔޫރަޕަށް އާދަޔާ ހިލާފަށް ހޫނުގަދަވެ 40 ޑިގްރީ ސެލްސިއަސްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ