މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް ގެނައުމަށް އުމަރު ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން އިސްތިއުފާ ދެއްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެމަގާމަށް ގެނައުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ތިންވަނަ ފަހަރަށް ހުށަހެޅުމާ ގުޅިގެން އުމަރު ނަސީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު މަޖިލީހުގެ ރައީސްކަމުން މަސީހު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އަދި އެމަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ގެނައުމަށް މަސީހު ވޯޓުދެއްވަން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.
ގާސިމް އިބްރާހީމަކީ މިފަދަ ހަލަބޮލި ދަނޑިވަޅުތަކުގައި ރައްޔިތުންގެ މަޖިލީހުގެ ކަންކަން އޮމާންކަމާއެކު ގެންދަވާފައިވާ ބޭފުޅެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އަދި ގާސިމް އިބްރާހީމަކީ މީހުން އެއްބައިވަންތަކުރުވުމުގެ ލާމަސީލު މިސާލެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން އިސްތިއުފާ ދެއްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެމަގާމަށް ގެނައުމަށް އުމަރު ގޮވާލައްވާފައި މިވަނީ މަސީހުގެ އިތުބާރު ނެތްކަމަށް 45 މެމްބަރުންގެ ސޮޔާއެކު މިއަދު ހުށަހަޅާފައި ވަނިކޮށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނީ ފުރަތަމަ އަމާޒަކީ މަޖިލީހުގެ ރައީސް ދުރުކުރުން ކަމަށާއި އެމަގާމަށް ދެން ގެންނާނެ ބޭފުޅަކު ނިންމާނީ އޭގެ ފަހުން ކަމަށެވެ. އަދި އެމަގާމަށް ގާބިލް ބޭފުޅުން އިދިކޮޅު ޕާޓީތަކުގައި އެބަތިއްބެވި ކަމަށް ވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ