އިންޑިއާއަށް ވިސާ ހޯދުގައި ދިމާވާ ތަކުލީފުތައް އިނގޭ، އަވަސް ހައްލެއް ލިބޭނެ: އަބްދުﷲ ޝާހިދު

ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރަން އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކުރައްވަމުން އަންނަ ކަމަށާއި އެ ކަމަށް ވަރަށް އަވަސް ހައްލެއް ލިބޭނެ ކަމަށް ޔަގީންކުރާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.މިއަދު ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ، އިންޑިއާގެ ބޯޑަރު ބަންދުވެފައި އޮތުމާއެކު، އިންޑިއާއަށް ދާ ދިވެހިންނަށް އިންޑިއާ ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ދިވެހިންނަށް އިންޑިއާ ވިސާ ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާކަމަށާއި އަވަސް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އިނގިރޭސިން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ޝާހިދު ވިދާޅިވިއެވެ.މެޑިކަލް ވިސާއާއި އެނޫންވެސް ކަންކަމުގައި ވިސާ ހޯދުމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ކައިރީގައި ކޮންމެ ދުވަހަކު ދިގު ކިޔޫތައް ހަދައި ވިސާ ހޯދުމަށް އާންމުން ބޮޑެތި ތަކުލީފުތަކެއް ގެންދަނީ އުފުލަމުންނެވެ.ވިސާ ހޯދުމަށްޓަކައި، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ދުރާލާ އެޕޮއިންޓްމަންޓް ހޯދަން ޖެހުމާއި ގިނައިރު ކިއޫގައި ތިބެން ޖެހޭތީ އެކަމަށް ފާޑުކިޔުންތައް އަމާޒުވެ އެވެ. ބޭސްފަރުވާ ނޫން ބޭނުންތަކުގައި އިންޑިއާއަށް ދާ ނަމަ، އޮންއެރައިވަލް ވިސާ ދިވެހިންނަށް މިހާރު ވެސް ލިބެ އެވެ. އެކަމަކު ބޭސްފަރުވާއަށް ދާ ނަމަ، އެކަމަށް ދުރާލާ ވިސާ ހޯދަން ޖެހެނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ