ރާއްޖެ ވަޑައިގަންނަވަން ނުކެރޭނަމަ ނަޝީދު އިސްތިއުފާ ދެއްވާ: އުމަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބުރާ ރާއްޖެ ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާނަމަ ދެން އޮތް އެންމެ ރަނގަޅު ގޮތަކީ އަވަހަށް މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު "ސަން"އަށް ވިދާޅުވީ ނަޝީދު، ރާއްޖެއިން ބޭރުގައި ހުންނަވާއިރު ދާއިރާ ތަމްސީލު ކުރާނެ މީހަކު މަޖިލީހުގައި ނެތް ކަމަށެވެ. އަދި ގައުމުން ބޭރުގައި ހުންނަވައިގެން މުސާރަ ނެންގެވުމަކީވެސް ނަޝީދު ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށެވެ. އުމަރު އިތުރަށް ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ ސަލާމަތީ ބާރު ތަކުން އެމަނިކުފާނަށް ފުރިހަމަ ރައްކާތެރިކަން ދޭނެކަން އޭނާއަށް ކަށަވަރުވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުވެސް އުޅުއްވަން ވާނީ އިސްލާމް ދީނަށް ފުރައްސާރަ ނުކުރައްވާ އަދި ލާދީނީ ވާހަކަވެސް ނުދައްކަވާ ކަމަށެވެ. "ތްރެޓް އޮވޭ އެންމެންނަށްވެސް. ނަޝީދަށް އޮތް ތްރެޓް އަދި މާބޮޑުވާނެ އިނގޭތޯ. އެއީ އޭނާ ލާދީނީ ވާހަކަ ދައްކާތީ. އެހެންވީމަ އެ ތްރެޓް ބޮޑުވާނެ. ތްރެޓެއް އޮތަސް ނެތަސް އަބަދުވެސް އުޅުއްވަން ވާނީ އިސްލާމް ދީނާ ދިމާނުކޮށް، ފުރައްސާރަ ނުކޮށް އިނގޭތޯ؟،" އުމަރު ވިދާޅުވިއެވެ. އުމަރު ނަސީރު ވިދާޅުވީ ހަމަލާއެއް ދީފާނެ ކަމުގެ ބިރުވެތިކަމުގައި ފިލައިގެން އަބަދަކު ނޫޅެވޭނެ ކަމަށެވެ. ނަމަވެސް އެމީހަކު ކުރިއަށްދާނެ ގޮތެއް ނިންމާނީ އެމީހަކު އަމިއްލައަށް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ވިދާޅުވީ ނަޝީދުގެ ލޯޔަރުން އެ ދައްކަވާ ވާހަކަ ތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށާއި އެބުނާ ވަރުގެ ބޮޑު ނުރައްކަލެއް އެމަނިކުފާނަށް ނެތް ކަމަށެވެ. ރައީސް ނަޝީދުގެ ވަކީލުން ވަނީ އެމަނިކުފާނު މިވަގުތު ރާއްޖެ ގެންނަން މަސައްކަތްކުރުމަކީ އެމަނިކުފާނު އިތުރު ނުރައްކަލެއްގެ ތެރެއަށް ފާޅުގައި ވައްޓާލަން މަސައްކަތްކުރުން ކަމަށް ބުނެފައެވެ. އަދި ނަޝީދަށް އޮތް ނުރައްކާ ކުޑަކަމަަށް ބުނެ "ހައްދާލައިގެން" ރާއްޖެ ގެންނަން މަސައްކަތް ނުކުރުމަށްވެސް ނަޝީދުގެ ވަކީލުން ވަނީ އެދިފައެވެ. އެހެންނަމަވެސް އުމަރު ވިދާޅުވީ ސަލާމަތީ ބާރުތަކުން ކިތަންމެ ރަނގަޅަށް ބެލިޔަސް ހާދިސާއެއް ހަމަ ހިނގާފާނެކަމަށާއި އެއީ ދުނިޔޭގައިވެސް އެކަން ހިނގަމުން އަންނަ ގޮތް ކަމަށެވެ. "ހާދިސާއެއް ދިމާވެދާނެ އެމްއެންޑީއެފުން ކިތަންމެ ރަނގަޅަށް ބެލެހެއްޓިއަސް. އެއީ ދުނިޔޭގައި އެކަން ހިނގާގޮތް. އެހެން ނޫންނަމަ [އެމެރިކާގެ ކުރީގެ ރައީސް] ޖޯން އެފް ކެނެޑީ މަގުމަތީގައި ހުއްޓާ ބަޑިޖަހާ މަރައެއް ނުލޭނެ. މިދެންނެވީ އެމެރިކާގެ ރައީސްގެ ވާހަކަ އިނގޭތޯ؟" އުމަރު ވިދާޅުވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވީ އެމީހަކު އުޅޭނެ ގޮތެއް އެނގޭނީ އެމީހަކަށް ކަމަށާއި ރައީސް ނަޝީދުވެސް ސަލްމާން ރުޝްދީ އުޅުނު ގޮތަށް އަބަދު ފިލައިގެން އުޅުއްވަން ގަސްތު ކުރައްވާ ނަމަ އެގޮތަށްވެސް އުޅުއްވަންވީކަމަށެވެ. "ސަލްމާން ރުޝްދީ އުޅުނުހެން އެންމެންނަކަށް ފިލައިގެން ނޫޅެވޭނެ. ސަލްމާން ރުޝްދީ އުޅުނު ގޮތަށް ނަޝީދު އުޅެން ގަސްތުކުރާ ނަމަ އެހެން އުޅެންވީ. ނަމަވެސް ހަގީގަތަކީ އެ ބުނާހާ ބޮޑު ނުރައްކަލެއް ނެތް،" އުމަރު ވިދާޅުވިއެވެ. އުމަރު ނަސީރު އެހެން ވިދާޅުވިއިރު އެމްޑިޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވެސް ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ރާއްޖެ ވަޑައިނުގެންނެވެންވީ ސަބަބެއް މިހާރު ނެތް ކަމަަށެވެ. އިކްރާމް ވިދާޅުވީ މިހާރު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ވުރެ ބޮޑަށް ނަޝީދަށް ސެކިޔުރިޓީ ލިބިވަަޑައިގަންނަވާނެކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފެށިފައިވާއިރު ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އަދި އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާކަމަށްވެސް ވިދާޅުވެފައެވެ. މޭ ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހަމަލާގެ ބައިވެރިންގެ ތެރެއިން ދައުވާ އުފުލާފައިވާ ހަތަރު މީހެއްގެ ޝަރީއަތް ހޮނިހިރު ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ