ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ތުހުމަތު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމާއެކު ބާއްވާ އެ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުން އަންނަ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ތުހުމަތު ކޮށްފިއެވެ. އިދިކޮޅުން ކޯލިޝަންގެ ފަރާތުން މިހެން ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް، ސަރުކާރުން ނުފޫޒު ފޯރުވަމުން އަންނަ ކަމުގެ ތުހުމަތުކޮށް، އިލެކްޝަން ކޮމިޝަނުން އެ މައްސަލަ ބަލައިދިނުމަށް ގޮވާލައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިރޭ ކުރެއްވި ޓްވީޓްގައެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގައެވެ. އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާއި ކޮމަންޑޫގެ ބައެއް ރައްޔިތުން --- އެ ދާއިރާއަށް ސިޔާސީ ތިން ޕާޓީއަކުން ވާދަ ކުރާނެކަން މިހާތަނަށް ވަނީ ކަށަވަރު ވެފައެވެ. އެ ޕާޓީ ތަކަކީ އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީއެވެ. އޭގެ ތެރެއިން ޕީޕީއެމްގެ ޓިކެޓުގައި އެ ގޮނޑިއަށް ވާދަކުރާނީ މޫސާ ފަތުހީ އާދަމެވެ. އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް މުހައްމަދު ރާޝިދު ވާދަ ކުރާއިރު، އެމްއެންޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނީ އަބްދުލް ހަންނާން އިދުރީސްއެވެ. އާދަމް ޝަރީފް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް ޓަކައި ކުއްލިއަކަށް ފެނަކައިން ގިނަ މަގާމުތަކެއް އުފައްދައި މަގާމުތައް ދަނީ މީހުންނަށް ބަހަމުން ކަމަށެވެ. "މި މައްސަލަ ބެއްލެވުމަށް އިލެކްޝަން ކޮމިޝަނަށް ގޮވާލަން. ސަރުކާރުން މި ގޮތަށް ނުފޫޒު ފޯރުވާނަމަ އިންތިހާބު އިންސާފުވެރިއެއް ނުވާނެ،" އާދަމް ވިދާޅުވިއެވެ. ޕީޕީއެމްގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވައި ކެނޑިޑޭޓް، މޫސާ ފަތުހީގެ ކެންޕެއިން ކުރުމަށް ޓަކައި ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ޓީމެއް މިރޭ ވަނީ ށ. ކޮމަންޑޫއަށް ޒިޔާރަތް ކުރައްވާފައެވެ. ލީޑާޝިޕް ޓީމުގައި އިސްކޮށް ހުންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ކޮމަންޑޫއަށް ޒިޔާރަތް ކުރުމުން މަރުހަބާ ކިޔަނީ -- ޕީޕީއެމުން ބުނީ އެ ޓީމުގެ ބޭފުޅުން، ކޮމަންޑޫގެ އިތުރުން އެ ދާއިރާގައި ހިމެނޭ މަރޮށި، އަދި ފޯކައިދޫއަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ކޮމަންޑޫއަށް މިރޭ ޒިޔާރަތް ކުރުމުން އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ