ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޮޑު ތަނުން އެމްޑީޕީން ކާމިޔާބު ކުރާނެ: އެމްޑީޕީ

ރައްޔިތުންގެ މަޖލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޮޑު ތަނުން ކާމިޔާބު ކުރާނެ ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ.އެ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.އެމްޑީޕީގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ މުހައްމަދު ރާޝިދު މިއަދު ވަނީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފަ އެވެ.އިލެކްޝަނަށް ފޯމް ހުށަހެޅުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ބައި އިލެކްޝަންގައި އެމްޑީޕީގެ ވަރުގަދަ ކެމްޕޭން ކުރާނެ ކަމަށެވެ. އަދި ބޮޑު ތަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ."މިއިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ. މި އިންތިހާބު އަދި ރަސްމީކޮށް ލޯންޗުވެސް ކުރާނެ،" ޝިފާޒު ވިދާޅުވި އެވެ.ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރީ 332 ވޯޓްގެ ތަފާތަކުންނެވެ. ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ