ތުޅާދޫ ސްކޫލް ގޯތިތެރޭގައި ހުރި ގަހެއް ކަނޑާލުމަށް ގޮވާލައި ބެލެނިވެރިން އިހުތިޖާޖުކުރަނީ

ބ. ތުޅާދޫގެ ބެލެނިވެރިންތަކެއް އެރަށު ސްކޫލް ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުން އެބަދެއެވެ.
އެސްކޫލުގެ ބެލެނިވެރިއަކު ވީނިއުސްއަށް މައުލޫމާތު ދިން ގޮތުގައި ބެލެނިވެރިން މުޒާހަރާ ކުރަމުންދަނީ އެސްކޫކުގެ ގޯތިތެރޭގައި ހުންނަ ބޮޑު ނިކަ ގަހަކީ ރޫހާނީ ކަންތައްތަކަކާ ގުޅިފައިވާ ގަހެއް ކަމަށް ބުނެއެވެ.
ބެލެނިވެރިން ބޭނުންވަނީ އެގަސް ކަނޑާލުމަށް ކަމަށް ވީނިއުސްއަށް މައުލޫމާތު ދިން ބެލެނިވެރިޔާ ވަނީ ބުނެފައެވެ.
ތުޅާދޫ ސްކޫލަށް މިހާރު ވިހި އަހަރު ފުރިފައިވާއިރު، އާންމުގޮތެއްގައި ގްރޭޑް އަށަކަށްދާ އަންހެން ކުދިންނަށް ރޫހާނީ ކަންކަން މެދުވެރިވާގޮތް ވާކަމަށް ބެލެނިވެރިޔާ ބުންޏެވެ.
މިދުވަސްކޮޅު ބެލެނިވެރިން ނުރުހުންވެ އެއްވުން ކުރިއަށްދަނީ މިއަހަރު ގްރޭޑް 9 އަށް ދިޔަ ގިނަ އަންހެން ކުދިންތަކަަކަށް އަނެއްކާވެސް މިފަދަ ކަންތައްތަކެއް މެދުވެރިވެގެން ކަމަށް ބެލެނިވެރިޔާ ބުންޏެވެ.
މީގެ ކުރިންވެސް މިފަދަ ހާދިސާތައް ދިމާވެގެން ރުގްޔާ ކުރުމަށް އެކި މީހުން ވަނީ ގެނެސްފައި ކަމަށާއި އޭގެން ކޮންމެ މީހެއްވެސް ބުނަނީ މައްސަލައަކީ ސްކޫލް ގޯތިތެރޭގައި ހެދިފައި ހުރި ބޮޑު ގަސްކަމަށް ވާހަކަދެއްކި ބެލެނިވެރިޔާ ބުންޏެވެ.
މިގަސް ކަނޑާލުމުގެ ހުއްދައަށް ނުވަތަ އެހީއަށް އެދި މީގެކުރިން އެކި ސަރުކާރުތަކުގައި އެވާހަކަ ވަނީ ހިއްސާ ކުރެވިފައި ކަމަށާއި ނަމަަވެސް އަދި މިކަމަށް ހައްލެއް ލިބިފައި ނުވާކަމަށް ބެލެނިވެރިޔާ ބުންޏެވެ.
މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިއަދު ހަވީރު ބެލެނިވެރިންެގެ ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރި ކަމަށް ބެލެނިވެރިޔާ ބުންޏެވެ.
ނަމަވެސް ބައެއް ބެލެނިވެރިން އެގަހުގެ ވާހަކަ ދައްކަން ފެށުމުން އާދަޔާހިލާފު ގޮތްތަކެއްވެ، އަމިއްލަ ނަފްސަށް ގެއްލުންދޭ މަސައްކަތް ކުރަން ފެށީ ކަމަށް މައުލޫމާތުދިން ބެލެނިވެރިޔާ ބުންޏެވެ. އަދި އެހެން ބެލެނިވެރިން އެކަމުން އެމީހުން ސަލާމަތްކުރުމަށް ކުރި މަަސައްކަތްވީ ބޭކާރު ކަމަކަށް ކަމަށް ބެލެނިވެރިޔާ ބުންޏެވެ.
މިބެލެނިވެރިންނަކީ މީގެ އަހަރުތަކެއް ކުރިން، މިފަދަ ކަންތައްތައް ދިމާވި ދަރިވަރުން ކަމަށް މައުލޫމާތުދިން ބެލެނިވެރިޔާ ބުންޏެވެ.
ސްކޫލް ދޮށަށް އެއްވެ ތިބި މީހުންގެ ތެރޭގައި ގާތްގަނޑަކަށް 150 ބެލެނިވެރިންނާއި ރަށުގެ އެހެނިހެން ބައެއް ޒުވާނުން ހިމެނޭ ކަމަށް ބެލެނިވެރިޔާ ބުންޏެވެ. އޭގެ ތެރެއިން އެއްބަޔަކު ސްކޫލްގައި ތަޅުއެޅުވުމަށް ގޮވާލަމުންދާ ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ