ގައްދޫއިން ކަރަންޓު ކެނޑޭ މައްސަލައިގައި މުޒާހަރާކުރަން ފަށައިފި
ގދ. ގައްދޫ އިން ކަރަންޓް ކެނޑޭ މައްސަލައިގައި ޙައްލެއް ހޯދައި ނުދެވުމުން އެރަށު މީހުން ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.ޗެނަލް 13 އަށް މައުލޫމާތު ދެމުން އެރަށު މީހަކު ބުނީ، މިއަދުވެސް ގިނައިރުތަކަކަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ކަމަށާއި އެ މައްސަލައަށް ހައްލެއް ގެނެވިފައިނުވާތީ ރައްޔިތުންނަށް ބޮޑެތި ތަކުލީފް ތަކާއި ކުރިމަތިވަމުންދާ ކަމަށެވެ.އެގޮތުން އެކި ގަޑިތަކުގައި ގައްދޫއިން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެފައި ވާއިރު، އިއްޔެ އިރު އޮއްސުނު ފަހުން އިރުއިރުކޮޅާ އެރަށުން ދަނީ ކަރަންޓް ކެނޑެމުންނެވެ. ނަމަވެސް މި މައްސަލަ ހައްލު ކުރުމަށް މަސައްކަތެއް ނުކޮށް އެރަށުގެ ފެނަކައިގެ ވެރިން ގދ. ތިނަދޫގައި ކުރިއަށް ގެންދާ މަސްވެރިންނަށް ހާއްސަކޮށް ބޭއްވި ޖަޒީރާ ހޮޅުއަށީގައި ބައިވެރިވުމުން ގިނަބައެއްގެ ފާޑު ކިއުންތައް ވަނީ އެފަރާތްތަކަށް އަމާޒުވެފައެވެ.ގައްދޫ އިން މައުލޫމާތު ދިން މީހަކު ބުނީ އެރަށުން ކަރަންޓް ކެނޑޭ މައްސަލައިގައި ހައްލެއް ހޯދައި ދެވޭނެ ދުވަހެއްވެސް ފެނަކައިން ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި އެރަށުން ކަރަންޓު ކެނޑެނީ ކުރީގެ ސަރުކާރުން ކަންތައްކޮށްފައިވާ ގޮތުން ކަމަށް ގައްދޫ ފެނަކައިގެ އިސް ފަރާތްތަކުން ބުނެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.މި މައްސަލައާއި ގުޅިގެން ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމްއާން ޗެނެލް 13 އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގައި ދުވަހަކު ވެސް އިންޖީނުތައް އޯވަހޯލްކޮށް މެއިންޓެއިން ނުކުރާ ވަރަށް ނިމިދިޔަ ފަސް އަހަރު އިންޖީނުތައް ބަލަހައްޓާފައިވާ ކަމަށެވެ.އަދި އެފަދަ ދޮގު މައުލޫމާތު ފަތުރަމުން ދަނީ ނިމިދިޔަ ސަރުކާރު ބަނދުނާމު ކުރުމަށާއި މި ސަރުކާރަށް ކަމެއް ނުކޮށްދެވުމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާ އުޞޫލުން މި މައްސަލައިގައި ވެސް އެމަނިކުފާނު ޒިންމާ ނަންގަވަން ޖައްސަނީ ކަމަށެވެ.އިއްޔެ ގައްދޫއިން ކަރަންޓު ކެނޑެން ފެށީ އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އެއް އިންޖީނުގެ ޑައިނަމޯއަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. މިސަރުކާރު އައިފަހުން ފާއިތުވި ހައެއްކަ މަސް ތެރޭ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަނީ ކަރަންޓްގެ މައްސަލަ ދިމާވެފައެވެ.އަދި އެކަން ހައްލުކުރުމަށް މި ސަރުކާރުން މާބޮޑު މަސައްކަތެއް ކުރާތަން ފެނިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ