މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަ މަސް، ބިލު ނުދައްކާތީ ކަރަންޓު ކަނޑާލުމުން ނިއުޕޯޓް މިރޭ ބަންދު!

ލޮނުޒިޔާރަތްކޮޅުގައި ހިންގަމުން އަންނަ ނިއުޕޯޓް ވިއު ރެސްޓޯރެންޓްގެ މުވައްޒަފުންނަށް ހަ މަސްދުވަހު މުސާރަ ނުދޭ އިރު، ބިލު ނުދައްކާތީ ސްޓެލްކޯ އިން ކަރަންޓު ކަނޑާލުމުން މިރޭ އެ ރެސްޓޯރެންޓް ބަންދުކޮށްފައި ހުރިކަން "ވަން އޮންލައިން"އަށް ކަށަވަރުވެއްޖެއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް، އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކު ވަން އޮންލައިނަށް މައުލޫމާތު ދެމުން ބުނީ އެތަނުގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަ މަސް ވެފައިވާ ކަމަށެވެ.
ނިއުޕޯޓް ބަންދުކޮށްފައިވާކަން އަންގައިދިނުމަށް އެ ރެސްޓޯރެންޓުން ވަނީ ނޯޓިސްއެއް ވެސް ނެރެފައެވެ. އެ ނޯޓިސްގައި ބުނާގޮތުން ދެން އެ ރެސްޓޯރެންޓް ހުޅުވޭނީ މާދަމާއެވެ.
ނިއުޕޯޓް ވިއު ރެސްޓޯރެންޓުން ނެރުނު ނޯޓިސް --
ނިއުޕޯޓުގެ މުވައްޒަފަކު ބުނީ އެ ރެސްޓޯރެންޓުން ކަރަންޓު ކަނޑާލާފައިވަނީ މިރޭ ކަމަށާއި ސްޓެލްކޯ އިން އެތަނުން ކަރަންޓު ކަނޑާލާފައިވަނީ ބިލު ނުދައްކާތީ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ނިއުޕޯޓުގެ ކެފޭ ރެސްޓޯރެންޓްތަކުގައި ކުރިން 190 މީހުން މަސައްކަތްކުރަމުންދިޔަ ނަމަވެސް، މުސާރައިގެ މައްސަލައާއި އެހެން މައްސަލަތަކާ ގުޅިގެން މިހާރު އެތަނުގައި މަސައްކަތްކުރަމުންދަނީ 50 ވަރަކަށް މުވައްޒަފުންނެވެ. އެ އެންމެންނަށް ވެސް ފާއިތުވެދިޔަ ހަ މަހުގެ މުސާރަ ލިބިފައެއް ނުވެއެވެ.
ނިއުޕޯޓްގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ، ދާދި ފަހުން އެ މުވައްޒަފުން ވަނީ މުސާރަ ނުދޭ މައްސަލަ ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ވެސް ހުށަހަޅައިފައެވެ.
މީގެ ކުރިން ކުލި ނުދައްކާތީ ޕްލޭނިން މިނިސްޓްރީން ވަނީ ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރުމަށް އެތަން ހިންގާ ސްޓްރާޑާ ކުންފުންޏަށް އަންގައިފައެވެ. ނަމަވެސް އެކުންފުނިން ބުނެފައިވާ ގޮތުގައި އެތަން ހުސްކުރާނީ ކޯޓު އަމުރަކާއެކުއެވެ. އެއަށްފަހު އެތަން ހުސްކުރަން އަންގާފައިވާތީ ބަދަލު ހޯދުމަށް ސްޓްރާޑާ ކުންފުނިން ވަނީ ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. ދައުލަތުން ކޯޓު އަމުރަކަށް އެދުމުން ސިވިލް ކޯޓުން ކަނޑައެޅީ ބަދަލު ހޯދަން ސްޓްރާޑާ އިން ކޯޓަށް ހުށަހެޅި މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެތަން ހުސްކުރަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
މީގެ ކުރިން ސްޓްރާޑާގެ މެނޭޖިން ޑިރެކްޓަރަކަށް ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ޒާހިދު ރަމީޒު ހުންނެވި ނަމަވެސް، ރިޔާސީ އިންތިހާބަށްފަހު އޭނާ އެ މަގާމުން އިސްތިއުފާދެއްވައި، އޭނާގެ އަނބިކަނބަލުން މަލަކާ އަބްދުލް ހަކީމް ވަނީ އެ މަގާމަށް ހަމަޖައްސައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ