ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މެމްބަރު އަބުޅޯ އަނެއްކާވެސް ގެންގޮސްފި

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އަނެއްކާވެސް އަނބުރާ ގެންގޮސްފިއެވެ. މެމްބަރު އަބުޅޯ މިރޭ "ސަން" އަށް ވިދާޅުވީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްގެން ކަމަށެވެ. ނަމަވެސް ތިން މަސް ވެގެންދިޔައިރުވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި އެ މައްސަލަ ނުހިނގާ އޮތީ ކީއްވެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ވަރަށް ކަންބޮޑުވޭ އެ މައްސަލަ ނުހިނގީމަ. އެ މައްސަލަ ނުހިނގައި ކޮމެޓީގައި ބޭއްވުމަށްވުރެ އެ މައްސަލަ އަނބުރާ ނެގުން ރަނގަޅު ކަމަށް ފެންނާތީ އެ މައްސަލަ އަނބުރާ މިނެގީ،" އަބުޅޯ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އަބުޅޯ މިއަދު ފޮނުވި ސިޓީގައި ވަނީ އެ މައްސަލަ އޭނާ ހުށަހެޅިތާ އެތައް ދުވަސް ވެގެންދިޔައިރުވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެ މައްސަލަ ކުރިއަށް ނުގެންގޮސް، އެހެން މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. އެ މައްސަލަ ކުރިއަށްނުދާތީ އެ ކޮމެޓީގެ މުގައްރިރާއި ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ވެސް މަޝްވަރާކުރެއްވި ކަމަށް ވެސް އަބުޅޯ ވިދާޅުވިއެވެ. މިއީ ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވުމަށްފަހު އަބުޅޯ އަނބުރާ މައްސަލަ ގެންދިޔަ ދެވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ