މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ފުރަތަމަ ޕިކްޕޯސްޓްގެ ހިދުމަތް ކުޅުދުއްފުށީގައި ދޭން ފަށައިފި އެވެ. މި ހިދުމަތް ފައްޓަވައިދެއްވީ ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ.
ޕިކްޕޯސްޓްގެ ހިދުމަތް ކުޅުދުއްފުއްޓަށް ތައާރަފުކޮށް އާ ޕޯސްޓް އޮފީސް ހުޅުވުމަށް މިއަދު ހެނދުނު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަފީޤް އާއި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދާއި ސަރުކާރުގެ ވެރިންނާއި ކައުންސިލަރުން އަދި އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޕޯސްޓްގެ އާ އޮފީހާއި ޕިކްޕޯސްޓްގެ ހިދުމަތް ދޭން ފެށީ ބަންޑާރަމަގުގެ ސީނާ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައި އެވެ. މި އިމާރާތް ހުންނާނީ ޝަހީދު ހުސައިން އާދަމް ހަނދާނީ ބިނާ ކައިރީގައި އެވެ.
މި ބަދަލުގެ ސަބަބުން ކުޅުދުއްފުށި ސިޓީއިން ޕޯސްޓް ކުރުމާއި ޕާރުސަލް ނެގުމާއި ޕޯސްޓްގެ އެހެން ހިދުމަތްތައް ހޯދާ ފަރާތްތަކަށް، ޚިދުމަތް ހޯދުމުގައި ވަރަށް ބޮޑު ފަސޭހަވެ، ހިދުމަތް ހޯދުމަށް ކުރަންޖެހޭ ތަޖުރިބާގެ ފެންވަރު ރަނގަޅު ވެގެންދާނެކަމަށް ޕޯސްޓް އޮފީހުން ދެކެ އެވެ.
ޕިކްޕޯސްޓްގެ ހިދުމަތުގެ ސަބަބުން ޕާރުސަލް ނެގުމަށްޓަކާ ހިދުމަތް ހޯދާފަރާތުން ކިއު އެއްގައި މަޑުކުރަންނުޖެހި ހިދުމަތް ހޯދުމާއި ޕާރުސަލް ނެގުމަށް މޯލްޑިވްސް ޕޯސްޓުން ކުރާމެސެޖުގައި ހިމެނޭ ވަގުތުގެ ތެރޭގައި އެފަރާތަކަށް ފަސޭހަ ކޮންމެއިރެއްގައި އައިސް ޕާރުސަލް ނެގުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އަދި ކުރިއެކޭވެސް އެއްފަދައިން، ކުޅުދުއްފުށީގެ ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ރަށްތަކާއި އެހެން ރަށްތަކަށާއި ސިޓީތަކަށް ފޮނުވުމަށް ބޭނުންވާ ތަކެތި ނުވަތަ ޕާރުސަލް ޕޯސްޓް ކުރުމުގެ ހިދުމަތާއި، ރާއްޖެއިން ބޭރު އެހެން ގައުމުތަކަށް ޕޯސްޓް ކުރުމުގެ ހިދުމަތްވެސް ލިބިގެންދާނެ އެވެ. އަދި، ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތަކަށް ހާއްސަ "ރަށު އޮންލައިން ފިހާރަ" ނުވަތަ "ކޮމިއުނިޓީ އޮންލައިން ޝޮޕް"ގައި ތަކެތި ވިއްކުމަށް ބޭނުންވާ އެހީތެރިކަމާއި ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން އެގަންނަ ފަރާތްތަކަށް ޕޯސްޓްގެ ނިޒާމު މެދުވެރިކޮށް އިތުބާރާއި ޔަގީންކަމާއެކު ރައްދުކޮށްދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.
އަދި އީޓުކުރި ލޯކަލް މެދުވެރިކޮށް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައްވެސް އެ ޕްލެޓްފޯރމްގެ ތެރެއިން ފޯރުކޮށްދެވޭނެކަމަށް އެކުންފުނި މައުލޫމާތުދެ އެވެ.
ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްރަކްޗާ ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ރޯލް އިތުރަށް ފުޅާކުރެވި، އަދި ހިދުމަތްތައް ޒަމާނީކޮށް ރައްޔިތުންނާވީހާވެސް ކައިރިން، ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ ކުރެވޭ މަސައްކަތްތައް އިތުރުހަރުފަތަކަށް ކުރިއަށްގެންދެވޭނެކަން ޔަގީންކުރެވިގެންދާނެ އެވެ.
އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ ޕިކްޕޯސްޓްގެ ހިދުމަތް ކުޅުދުއްފުށީގައި ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ