ސަރަޙައްދުގެ އަމަންއަމާންކަމަށް ސާކުގެ މަސައްކަތްތައް އަލުން ފަށަންޖެހޭ - ރައީސް

ސަރަޙައްދުގެ އަމަންއަމާންކަމަށް ވެސް ސާކުގެ މަސައްކަތްތައް އަލުން ފަށަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ، ޚިޔާލު ތަފާތުވުންތަކަކީ މަޝްވަރާކުރެވިގެން، އެންމެން ވެސް އެއްމޭޒުދޮށަށް އައިސްގެން، ކަންކަން ޙައްލުކުރެވިގެން، އެންމެންނަށް ފައިދާހުރި ގޮތުގައި ކުރިއަށް ދިއުމުގެ ސިޔާސަތު ކަމަށެވެ.
ސިޔާދަތާއި، އިސްތިޤުލާލު މިއީ އެންމެންނަށް ވެސް އެއްވަރަކަށް އޮތް ޙައްޤެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ދިވެހިންނާ އެކުގައި މަސައްކަތްކުރަން ތިބި ހުރިހާ ގައުމަކާއި އެކީގައި މަސައްކަތް ކުރާނެކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރު ކުރައްވަމުން ރައީސް މިއަދު ވެސް ވިދާޅުވީ ރާއްޖޭގެ ފޮރިން ޕޮލިސީއަކީ މޯލްޑިވްސް ފަސްޓް ކަމަށެވެ.
ނަމަވެސް މީގެ ކުރިން ކަންކަން ހިނގަމުން ދިޔައީ އެގޮތައް ނޫން ކަމަށާއި ބައެއް ދުވަސްވަރު ރާއްޖޭގެ ފޮރިން ޕޮލިސީއަކީ އެހެން ބައެއްގެ އަތްދަށުގައި އޮތް ގޮނޑިކޮއްކޮ ފޮރިން ޕޮލިސީއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން އިސްރާއީލް ފިޔަވައި އެހެން ހުރިހާ ގައުމަކާއިއެކު ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ