ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި، 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން ދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި މި ޚިދުމަތްތެރީންނަށް ޝަރަފު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މިއަދު ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނަށް މި އިނާމު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ މައުލޫމާތު، ކޮމިޓީން ދިރާސާ ކުރައްވައި، އެ ބޭފުޅުންނާ ކޮމިޓީން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ތެރެއިން އިނާމަށް ޝަރުޠު ފުރިހަމަވި ބޭފުޅުންނަށެވެ.
އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ޝަރުޢީ ދާއިރާ އަދި އިދާރީ ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ހާޝިމް، މަޖީދިއްޔާ ސްކޫލްގެ ޓީޗަރު ޝިރުމީނާ ޢަބްދުﷲ، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ޢަބްދުލްމަތީން ޢަލީ ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން މިއަދު އިނާމު އެރުވުނު ބޭފުޅުންގެ ތެރޭގައި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި، ކައުންސިލް އިދާރާތަކާއި، އެކި މިނިސްޓްރީތަކުގައި 41 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވި މުވައްޒަފުން ހިމެނެއެވެ. މީގެ ތެރޭގައި ޚިދުމަތުގައި ދެމިތިއްބެވި ބޭފުޅުންނާއި، ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންވެސް ހިމެނެއެވެ.
މި ޖަލްސާގައި ވަނީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު އަވަހާރަވެފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކޮށް، އެ ބޭފުޅުންގެ ހަނދާނަށްވެސް ވަނީ ޝަރަފުގެ ބެޖާއި އައްޑަނަ އަރުވާފައެވެ. އޭގެ ތެރޭގައި އަލްމަރްޙޫމް މޫސާ ރަމީޒާއި އަލްމަރްޙޫމް ފާރޫޤު އަޙްމަދު ހިމެނިވަޑައިގަންނަވައެވެ.
ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ހަވާލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ