އެންމެ ފުރިހަމައަށް ޑިމޮކްރެސީ ތަންފީޒު ވަނީ މިވެރިކަމުގައި - ރައީސް

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ޑިމޮކްރެސީގެ އުސޫލުތައް އެންމެ މިނިވަންކަމާއެކު ތަންފީޒުކުރެވެމުންދަނީ މި ސަރުކާރުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ހަރަކާތްތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި، ބަދަލުހިފުމުގެ ރޫހު މި ސަރުކާރުން ނައްތާލާފައިވާ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރީގެ ސަރުކާރުތަކުން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރާ ކަމަކީ ކުރީގެ ވެރިން ޖަލަށްލުން ކަމުގައި ވިޔަސް، މި ސަރުކާރުން އެ އުސޫލު ވަނީ ބަދަލުކޮށްފައެވެ. "މިހާތަނަށް އައިއިރު އެއްވެސް ސިޔާސީ ލީޑަރަކު ހައްޔަރުކޮށްފައެއް ނުވާނެ. ކުރީގެ ރައީސްކަން ކޮށްފައި ހުރި އެއްވެސް ބޭފުޅަކު ޖަލަށް ލާފައެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ އެތެރޭގެ އިންތިޚާބުތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދައުލަތުގެ މުއައްސަސާތަކާއި ސްކޫލް ހޯލްތައް ފަހިކޮށްދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެއްވެއުޅުމުގެ މިނިވަންކަން ފުޅާކުރުމުގެ ގޮތުން، ކުރިން ހަމައެކަނި ކާނިވާ ސަރަހައްދުގައި އޮތް ފުރުސަތު ފަސް ގުނައަށް އިތުރުކޮށް، މާލޭގެ އެކި ސަރަހައްދުތަކުގައި ހުއްދައަކާ ނުލައި އެއްވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ނޫސްތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމާއި، ކުޑަ އަގެއްގައި މަސައްކަތް ކުރެވޭނެ "މީޑިއާ ވިލެޖެއް" ގާއިމުކުރުމުގެ މަސައްކަތް ނިމުމަކަށް އައިސްފައިވާކަން އިއުލާނުކުރެއްވިއެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ރައީސް އޮފީހުން ފޮނުވާ އޯޑަރުތައް ހުއްޓާލައި، ޖުޑިޝަރީއަށް ވަކި ބަޖެޓެއް ކަނޑައަޅައި މިނިވަންކަމާއެކު ޚަރަދުކުރެވޭނެ ނިޒާމެއް ގާއިމުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައާއި، ގޭންގު ކުށްތަކާއި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގާނޫނީ އިސްލާހުތަކާއެކު ހަރުދަނާ މަސައްކަތްތަކެއް ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ