މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހުރެ ބިޓްކޮއިން 66،000 ޑޮލަރަށްވުރެ ދަށަށް ވެއްޓިއްޖެ

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ ކަމަށްވާ ބިޓްކޮއިންގެ އަގު ހުކުރު ދުވަހު 65،300 އެމެރިކާ ޑޮލަރަށް ވެއްޓިއްޖެއެވެ. ކޮއިންމާކެޓްކެޕްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބިޓްކޮއިންގެ އަގުން ވަނީ 1.84 އިންސައްތަ ދަށްވެފައެވެ. ބިޓްކޮއިންގެ އަގަށް އައި މި ބަދަލާއެކު ދެވަނައަށް އެންމެ ބޮޑު ކްރިޕްޓޯކަރަންސީ ކަމަށްވާ އީތީރިއަމް ގެ އަގުވެސް ވަނީ ދަށްވެ، 1،890 ޑޮލަރުގެ ރޭންޖެއްގައި ހިފެހެއްޓިފައެވެ. ކްރިޕްޓޯ މާކެޓަށް މިފަދަ ލޮޅުމެއް އައުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި އުފެދިފައިވާ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ބޮޑުވެ، ތެލުގެ އަގު އުފުލުމާ ގުޅިގެން އިންވެސްޓަރުން ނުރައްކާ ބޮޑު ރިސްކު އެސެޓް ތަކަށް އޮތް ޝައުގުވެރިކަން ކުޑަވުމެވެ. މީގެ އިތުރުން އެމެރިކާގެ ޓްރެޜަރީ ޔީލްޑްތައް މަތިވުމާއި، އީރާނާ ދެކޮޅަށް ހަނގުރާމަ ފުޅާވެދާނެކަމުގެ ބިރުބޮޑުވުން މާކެޓަށް ނޭދެވޭ އަސަރުކޮށްފައިވެއެވެ. އިންވެސްޓަރުން މިހާރު ޚާއްޞަ ސަމާލުކަމެއް ދެމުންދަނީ ޖުލައި 28 އިން 29 އަށް އޮންނަ އެމެރިކާގެ ފެޑެރަލް ރިޒާވްގެ ބައްދަލުވުމަށެވެ. ނަމަވެސް، ސްޕޮޓް ބިޓްކޮއިން އީޓީއެފް ތަކަށް ފައިސާ ވަނުން ވަނީ މި ވެއްޓުން ވަކިވަރެއްގައި ހިފަހައްޓައިދީފައެވެ. https://sun.mv/225106 ބިޓްކޮއިންގެ އަގު ދަށަށް ދިއުމާ ގުޅިގެން އެހެނިހެން މައިގަނޑު އަލްޓްކޮއިން ތަކުގެ އަގަށްވެސް ވަނީ ހީނަރުކަން އައިސްފައެވެ. އެގޮތުން ބައިނޭންސް ކޮއިން 568.41 ޑޮލަރަށް ދަށްވެފައިވާއިރު، ސޮލާނާ އުޅެނީ 75.81 ޑޮލަރުގައެވެ. އަދި އެކްސްއާރުޕީ 1.11 ޑޮލަރަށް އަދި ޑޯޖްކޮއިން 0.070 ޑޮލަރަށް ވަނީ ދަށްވެފައެވެ. މާކެޓުގެ ހާލަތާ ގުޅޭގޮތުން ވަޒީރެކްސް ގެ ފައުންޑަރު ނިޝްޗަލް ޝެޓީ ވިދާޅުވީ، މެދުއިރުމަތީގެ ނުތަނަވަސްކަމާ ހުރެ އިންވެސްޓަރުން ރައްކާތެރި އެސެޓްތަކަށް ފައިސާ ބަދަލުކުރަން ފެށުމުން ބިޓްކޮއިންއަށް ޕްރެޝަރު ބޮޑުވީ ކަމަށެވެ. އަދި އީތީރިއަމްއަށް ބަލާއިރު 1،840 އާއި 1،860 ޑޮލަރާ ދެމެދަކީ ކީ ސަޕޯޓް ޒޯން ކަމަށާއި، 1،900 ޑޮލަރަކީ ރެސިސްޓެންސް ލެވެލް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މުޑްރެކްސް ގެ ލީޑް ކުއަންޓް އެނަލިސްޓް އަޝްކަތު ސިއްދާންތު ވިދާޅުވި ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 90 ޑޮލަރަށްވުރެ މައްޗަށް ގޮސް، އެމެރިކާގެ ބޮންޑް ޔީލްޑްސް ވަނީ ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި އެންމެ މަތީ ލެވެލަށް އުފުލިފައެވެ. މިއީ ކްރިޕްޓޯ މާކެޓަށް ނޭދެވޭ މާހައުލެކެވެ. މީގެ އިތުރުން ރައީސް ޓްރަމްޕް އީރާނާ ދެކޮޅަށް ބޮޑު އަސްކަރީ ރައްދެއް ދެއްވަން ވިސްނަވާކަމުގެ ވާހަކަތަކުން މާކެޓް އިތުރަށް ސަމާލުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޖިއޯޓަސް ގެ ސީއީއޯ ވިކްރަމް ސުއްބުރާޖް ވިދާޅުވީ، އިންސްޓިޓިއުޝަނަލް ޑިމާންޑް އަދިވެސް ވަރުގަދަކޮށް އޮތްކަން ފާހަގަކުރެވޭ ކަމަށެވެ. އެމެރިކާގެ ސްޕޮޓް ބިޓްކޮއިން އީޓީއެފްތަކަށް ޖުލައި 22 ގެ ނިޔަލަށް ވިދިވިދިގެން 7 ދުވަސް މަތިން 999.3 މިލިއަން ޑޮލަރު ވަދެފައިވެއެވެ. ނަމަވެސް ޖުލައި 23 ގައި ފައިސާ ބޭރުވުމެއް ފެނިފައިވާތީ، އިންސްޓިޓިއުޝަނަލް ޑިމާންޑް މަޑުޖެހިދާނެކަމުގެ އަލާމާތެއް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެނަލިސްޓުން ލަފާކުރާ ގޮތުގައި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމާއި، ތެލުގެ އަގު މަތިވުމާއި، ފެޑެރަލް ރިޒާވްގެ ބައްދަލުވުމާ ގުޅޭ އުންމީދުތަކުގެ ސަބަބުން ކްރިޕްޓޯ މާކެޓުގެ އިތުބާރު ވަނީ ކުޑަވެފައެވެ. އެހެންނަމަވެސް އީޓީއެފްތަކުން ލިބޭ އިންސްޓިޓިއުޝަނަލް އެހީތެރިކަމުގެ ސަބަބުން އަގުތައް މާބޮޑަށް ވެއްޓުނަނުދީ ވަނީ ހިފެހެއްޓިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ބިޓްކޮއިން 66،000 ޑޮލަރުގެ ލެވެލް އަނބުރާ ހޯދައި، 69،000 ޑޮލަރަށްވުރެ މައްޗަށް ދިއުމަކީ މާކެޓުގެ ކުރިއަށް ހުރި މިސްރާބު ކަނޑައަޅައިދޭނެ މުހިންމު ނުކުތާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ