ޗެޑްވިކް ބޯސްމަންއަށް ފަހު މާވެލްއަށް އާ "ބްލެކް ޕެންތާ"އެއް

ޗެޑްވިކް ބޯސްމަން މަރުވިތާ ގާތްގަނޑަކަށް ހަ އަހަރު ފަހުން، މާވެލް ސިނެމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ އާ "ބްލެކް ޕެންތާ"ގެ ގޮތުގައި އެކްޓަރު ޑޭވިޑް ޖޯންސަން ހަމަޖައްސައިފި އެވެ.
މިކަން އިއުލާންކުރީ ސެން ޑިއޭގޯ ކޮމިކް-ކޮންގެ މާވެލް ސްޓޫޑިއޯސް ޕެނަލްގައި، އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ޑައިރެކްޓަރު ރަޔަން ކޫގްލާ އާއި މާވެލްގެ ހެޑް ކެވިން ފައިގީ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ބްލެކް ޕެންތާ 3"ގެ ނަމުގައި ތައްޔާރުކުރާ އެ ފިލްމުގައި ޑޭވިޑް ކުޅުމަށް ހަމަޖެހިފައި ވަނީ ކުރީގެ ބްލެކް ޕެންތާ (ޗެޑްވިކް)ގެ ދަރިފުޅު ޕްރިންސް "ޓީ'ޗާލާ ޓޫ"ގެ ރޯލެވެ. އެ ފިލްމު ރިލީޒްކުރަނީ ޑިސެމްބަރު 15، 2028 ގަ އެވެ.
ޑޭވިޑް ބުނީ މިފަދަ ބޮޑު "އާއިލާއަކާ" ގުޅެން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"ބްލެކް ޕެންތާ"ގެ ތިންވަނަ ފިލްމުގައި ޕްރިންސް ޓީ'ޗާލާ ޓޫ ބޮޑުވަމުން އަންނަ މަންޒަރުތަކާއި އޭނާގެ ދިރިއުޅުމުގެ ދަތުރު ދައްކާނެ އެވެ.
"ބްލެކް ޕެންތާ: ވަކަންޑާ ފޮރެވާ"ގެ އެންޑް ކްރެޑިޓްސްގައި ކުޑަކުއްޖެއްގެ ގޮތުގައި އޭނާ ވަނީ ފުރަތަމަ ފަހަރަށް ތައާރަފުކޮށްފަ އެވެ. މި ފިލްމު ޑައިރެކްޓްކުރުމަށް ރަޔަން ކޫގްލާ އެނބުރި އަންނައިރު، ޝޫރީގެ ރޯލުން ލެޓީޝިއާ ރައިޓް އާއި އެމްބާކޫގެ ރޯލުން ވިންސްޓަން ޑިއުކް ވެސް އަލުން ފެންނާނެ އެވެ.
ކެންސަރު ބަލީގައި ޗެޑްވިކް މަރުވީ "ބްލެކް ޕެންތާ"ގެ ދެވަނަ ފިލްމު ވެސް އޭނާ ކުޅޭ ގޮތަށް ހަމަޖެހިފައި ވަނިކޮށެވެ. ނަމަވެސް އޭނާ މަރުވުމާ ގުޅިގެން 2022 ގައި ނެރުނު "ވަކަންޑާ ފޮރެވާ" ފިލްމުގެ ވާހަކަ ބަދަލުކޮށް، ބްލެކް ޕެންތާގެ ރޯލާ ހަވާލުވީ އޭނާގެ ކޮއްކޮ ޝޫރީ އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 850 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނުއިރު އޮސްކާ އެވޯޑްގެ ފަސް ނޮމިނޭޝަން ވެސް ލިބުނެވެ.
މީގެ 8 އަހަރު ކުރިން 2018 ގައި ނެރުނު ފުރަތަމަ "ބްލެކް ޕެންތާ" ފިލްމަކީ ބޮކްސް އޮފީހުގައި 1.3 ބިލިއަން ޑޮލަރު ހޯދައި، "ބެސްޓް ޕިކްޗާ" ހިމެނޭހެން އޮސްކާގެ ހަތް ނޮމިނޭޝަނެއް ލިބުނު ފުރަތަމަ ސުޕަހީރޯ ފިލްމެވެ. އެ ފިލްމަށް އޮސްކާގެ ތިން އެވޯޑެއް ކާމިޔާބުކޮށްފަ އެވެ.
އާ ބްލެކް ޕެންތާގެ ގޮތުގައި ހަމަޖެއްސި 32 އަހަރުގެ އެކްޓަރު ޑޭވިޑް މީގެ ކުރިން ކުޅުނު ފިލްމުތަކުގެ ތެރޭގައި "އޭލިއަން: ރޮމިއުލަސް" އާއި "ދަ ލޯންގް ވޯކް" އަދި "އިންޑަސްޓްރީ" ކަހަލަ މަޝްހޫރު ފިލްމުތަކާއި ސީރީޒްތައް ހިމެނެ އެވެ.
ސޯޝަލް މީޑިއާގައި މާވެލްގެ ސަޕޯޓަރުން ވަނީ ޗެޑްވިކްގެ ހަނދާންތަކަށް އިހުތިރާމްކުރުމާ އެކު، ޑޭވިޑްއަކީ އެ ރޯލަށް ވަރަށް ގާބިލު އެކްޓަރެއްކަން ފާހަގަކޮށް އޭނާއަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ