މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނެގި ކަމުގެ ތުހުމަތު ކުރެވިފައިވާ ސުޕްރީމް ގާޒީ އަބްދުﷲ ދީދީގެ އިތުރު މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ދީދީ އާއި ބެހޭ އިތުރު މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމީ އިއްޔެ އޮތް އެ ކޮމިޝަންގެ 50 ވަނަ ބައްދަލުވުމުގަ އެވެ. ދީދީ އާއި ގުޅޭ ގޮތުން ހުށަހެޅިފައިވާ އިތުރު ޝަކުވާއެއް އޮތުމުން، ޖޭއެސްސީން ނިންމީ މިހާރު ބަލަމުންދާ ޝަކުވާގެ ތެރެއަށް އިތުރުކޮށް އެ ޝަކުވާ ބެލުމަށެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި ދީދީގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހަކު ވަކިގޮތަކަށް ހުކުމެއް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިންއިރު ދީދީ އަށްވެސް ފައިސާ ލިބިފައި ވުމެވެ. އެ މައްސަލައިގައި ދީދީ ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އަދި މިދިޔަ ޖޫން މަހު 20 ވަނަ ދުވަހު ޖޭއެސްސީން ވަނީ އެ މައްސަލައިގެ ތަހުގީގަށް ދީދީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް މައްސަލަ ބަލަމުން ދަނިކޮށް ޖޫން 28 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިވަޑައިގަންފަ އެވެ.
ޑީޑީއާ ގުޅޭ ގޮތުން ޖޭއެސްސީގެ ތަހުގީގު ނިންމައި އެކުލަވާލި ރިޕޯޓަށް ޖަވާބުދާރީވެވަޑައިގަތުމަށް 30 ދުވަހުގެ މުއްދަތެއް ލިބެ އެވެ. ޑީޑީގެ ވަކީލް ސަލީމް ވިދާޅުވީ ދީދީ ބޭރުގައި ހުންނެވި ނަމަވެސް ޖޭއެސްސީ އަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށެވެ.
އިއްޔެ އޮތް ޖޭއެސްސީގެ ބައްދަލުވުމުގައި އަބްދުﷲ ދީދީގެ އިތުރުން ކުރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްސަލައެއް ބެލުމަށް ވެސް އެކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ޖޭއެސްސީން ވަނީ ހައިލަމްގެ މައްސަލަ ބެލުމަށް އެ ކޮމިޝަންގެ ތައުދީބީ ކޮމެޓީ އަށް ފޮނުވަން ނިންމާފައިވާ ކަމުގައެވެ.
ހައިލަމް އަކީ ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލަ ބައްލަވާ ގާޒީވެސްމެއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރު މައްސަލައެއް ބަލަން ޖޭއެސްސީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ