ކަރަންޓްގެ މައްސަލަ ހައްލުކޮށް ނުދޭތީ ނެއްލައިދޫ ރައްޔިތުން މުޒާހަރާއަށް ނިކުމެއްޖެ

ނެއްލައިދޫގައި ކަރަންޓްގެ ހާލަތު ކަންބޮޑުވާ ދަރަޖައަކަށް ދަށްވުމުގެ ސަބަބުން ރަށު އިންޖީނުގޭ ކައިރިއަށް އެއްވެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.
ނެއްލައިދޫން މައުމޫމާތު ދިން މީހަކު ބުނީ ގިނަ އަދަދެއްގެ ރައްޔިތުން އިންޖީންގެ ކައިރިއަށް އެއްވެ ގޮވާލަމުންދަނީ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި މައްސަލަ ހައްލު ކުރެވޭނޭ ތާރީހެއް ދިނުމަށާއި ހައްލު ނުކުރެވޭނަމަ ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިސްކޮށް ތިބި މީހުންނާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްތިއުފާ ދިނުމަށްވެސް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.
މިއަދުގެ މުޒާހަރާގައި އަންހެނުންނާއި ޒުވާނުން ހިމެނޭ ގޮތައް 300 އަށް ވުރެ ގިނަ މީހުން ދަނީ ބައިވެރިވަމުންނެވެ.
ނެއްލައިދުއަށް ކަރަންޓްގެ މައްސަލަ ދިމާވެފައިވާތާ މިހާރު ދުވަސްތަކެއް ވެފައި ވާއިރު އެރަށު މީހުން ބުނާ ގޮތުގައި އިރުއިރުކޮޅުން ކަރަންޓް ކެނޑުމުގެ ސަބަބުން އަގުބޮޑެތި އެތައް ސާމާނެއް ވަނީ ހަލާކުވެގެން ގޮސްވައެވެ.
"އެއާކޯނާއި، ޓީވީ އާއި ހިފައިގެންގުޅޭ އެތައް ކަރަންޓް ސާމާނެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެގެން ހިނގައްޖެ. ކަރަންޓްގެ މައްސަލައިގެ ކަންބޮޑުވުންތައް ހިއްސާކުރަން ޖެހޭ ފަރާތްތަކާއި ހިއްސާ ކުރަމުން އަންނަތާ އެތައް ދުވަހެއް ވީއިރު ވެސް މައްސަލައަށް ހައްލެއް ނުލިބުނު." މުޒާހަރާގައި ބައިވެރިވަމުންދާ މީހަކު ބުންޏެވެ.
މިހާރު ވެސް ނެއްލައިދޫގައި ކަރަންޓް ނެތް ކަމަށް މައުލޫމާތު ލިބެއެވެ. ކަރަންޓް ކެނޑިފައި ވާތީ މިއަދު ސްކޫލްގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ