އުމަރު ނަސީރު އަޅުގަނޑު ފަހަތުން ދުވަނީ އަޅުގަނޑު އަދީބްގެ ފަހަތުގައި ހުންނާތީ - ޝިނާން

ސަރުކާރުން ޓެރަރިސްޓެއްގެ ގޮތުގައި ލޭބަލްކޮށް، ހޯމް މިނިސްޓަރ އުމަރު ނަޞީރު އޭނާ ހޯދަން މަސައްކަތް ކުރަމުންދަނީ ނައިބް ރައީސް އަޙުމަދު އަދީބް އަށް ތާޢީދުކޮށް، އެމަނިކުފާނުގެ ފަހަތުގައި ހުންނާތީ ކަމަށް، ސަރުކާރުން މިއަދު ހޯދަން އިޢުލާނުކުރި ޙުސައިން ޝިނާން ބުނެފިއެވެ.
ލަންކާގައި ހުރެގެން ފޯނުން މިއަދު "ވަގުތަށް" ދިން އިންޓަރވިއުއެއްގައި ޝިނާން ބުނީ އޭނާ އަކީ ޓެރަރިސްޓެއް ކަމަށް އޭނާ ޤަބޫލު ނުކުރާ ކަމަށާއި، އޭނާގެ ކުށަކީ އަދީބް އަށް ތާޢީދު ކުރުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެ އިތުރުން ޝިނާން ބުނީ، އޭނާ މިވަގުތު ލަންކާއަށް ގޮސްހުރީ ބޭސްފަރުވާއަށް ކަމަށާ، މާދަމާ އޭނާ މާލެއަށް އަންނާނެ ކަމަށެވެ.
ޝިނާން ހޯދުމަށް މަސައްކަތް ކުރަމުންދާކަން ހާމަ ކޮށްފައިވަނީ މިއަދު ހެނދުނު ނޭޝަނަލް އިންކުއައިރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ކޯޗެއާ، އުމަރު ނަޞީރެވެ. މިއަދު އުމަރު ވިދާޅުވީ، ސެޕްޓެމްބަރ 28 ވަނަ ދުވަހު ރިޔާސީ ލޯންޗް "ފިނިފެންމާ" ގައި ދިން ހަމަލާ އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި 8 މީހަކު ހޯދަމުންދާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި ޝިނާންގެ އިތުރުން ދެން ހޯދަމުންދަނީ، ލަވަކިޔުންތެރިޔާ މުހަންމަދު އައްލާމް (މޯހޯ) އާއި ކުރީގެ މަޝްޙޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހަންމަދު ހުސެއިން (އޮއިއްޓޭ) އާއި މުހަންމަދު ވިޝާމް (ވިޝް) އާއި އަޙުމަދު ފާތިހް (ބެންޖޯ)ގެ އިތުރުން މުހަންމަދު އަސީލް އަޙުމަދު އާއި މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފު (ޝުމްބާގޮންގް) އަދި އަހުމަދު އިޝްފާހު އަލީ އެވެ.
އުމަރު މިގޮތަށް 8 މީހެއްގެ ނަން ވިދާޅުވެފައި ވީނަމަވެސް، ބޮޑެތި މައްސަލަތަކާއި ގުޅިގެން ފުލުހުން ހޯދަން ބޭނުންވެގެން އިޢުލާނުކޮށްފައިވަނީ އުމަރު އިޢުލާނު ކުރެއްވި ލިސްޓުގައި ހިމެނޭ 6 މީހެއްގެ މަޢުލޫމާތެވެ. މި 8 މީހުންގެ ތެރެއިން ފުލުހުންގެ ހާމަކުރި ލިސްޓުގައި ނުހިމެނެނީ ޝިނާން އާއި އަޙުމަދު ފާތިހް (ބެންޖޯ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ