ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން އުފާކުރަން - މައުމޫން

30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން އުފާކުރައްވާ ކަމަށް ރާއްޖޭގެ ކުރީގެ ރައިސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހާލަތު ހަމައަކަށް އެޅި، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން އުފާކުރައްވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރެވުނީ ނޮވެމްބަރު ހަތަރުވަނަ ދުވަހުގެ މެންދުރު 12 އިން ފެށިގެން، ކުރިޔަށް އޮތް 30 ދުވަހުގެ ނިޔަލަށެވެ.
ނަމަވެސް މިއަދު 5:00 އިން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ރައީސް ޔާމީން ނިންމަވާފައި ވާކަމަށް ދާދި ދެންމެއަކު ވަނީ ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުއްލި ހާލަތު އުވާލުމަށް ރައީސް ނެރުއްވި ޤަރާރު އިއްވަމުން ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު 10 ނޮވެމްބަރު 2015 ވަނަ ދުވަހުގެ 5:00 އިން ފެށިގެން އުވާލުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
ކުއްލި ހާލަތު އިއުލާންކޮށްފައި ވަނީ ރާއްޖޭގެ ދެ ސަރަހައްދަކުން ނުރައްކާތެރި ހަތިޔާރު ފެނުމާއި، އަދިވެސް ބައެއް ހަތިޔާރު މަދުވުމުގެ އިތުރުން، އާންމު ރައްޔިތުންގެ އަތުގައި ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ހުރިކަމުގެ ކަށަވަރު މައުލޫމާތު ސަލާމަތީ ބާރުތަކަށް ލިބުމާއި ގުޅިގެންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފުރާނައާއި ސަލާމަތާއި ރައްކާތެރިކަމާއި އަދި ޤައުމީ ސަލާމަތަށް ނުރައްކާތެރި ހާލަތެއް ކަމުގައި ފެނުނު ހިނދު އަދި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ޤައުމީ ސަލާމަތާއި ބެހޭ މަޖިލީހުގެ ލަފަޔާއި މަޝްވަރާ އާއި އެއްގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ