ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން، ފަހަކަށް މަދުކުރުމަށްޓަކައި ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރޭ ފާސްކޮށްފި އެވެ. ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން އެމްޑީޕީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެމްބަރުން އިބްރާހިމް ޝަރީފް ހުށަހެޅުއްވި ބިލަށް ބަދަލުތައް ގެނެސް، އެ ބިލް ކޮމިޓީން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެމްޑީޕީގެ ތިން މެމްބަރުން ތިއްބަވާއިރު، ރޭގެ ބައްދަލުވުމުގައި އެ މެމްބަރުން ބައިވެރިވެވަޑައިނުގަންނަވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރި ބިލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރެވޭނީ މަގާމަށް ގާބީލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށެވެ. މިގޮތަށް ފަނޑިޔާރަކު މަގާމުން ވަކިވާނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ. ތަސްދީގުކުރުމާ އެކު އަމަލުކުރަން ފަށާ ގޮތަށް ކޮމިޓީން ފާސްކުރި މި ބިލްގައި ބުނެފައިވަނީ މަގާމުން ވަކިކުރަން ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް ބިލް ތަސްދީގު ކުރާތާ ތިން ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ނަންތައް މަޖިލީހަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޖެހެ އެވެ. މިގޮތަށް ބިލް ފާސްކުރިއިރު، ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ޖޭއެސްސީން މިހާރު ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައެއް ނެތެވެ. އެންމެ ފަހުން އެ ކޮމިޝަނުން ބެލީ ފަނޑިޔާރު އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯގެ މައްސަލަ އެވެ. އެ ވޯޑިއޯއިން ކަސްބީ އަންހެނުންތަކަކާ އެކު އުޅޭތަން ފެންނަނީ އަލީ ހަމީދު ކަމަށް ތުހްމަތު ކުރެވުނު ނަމަވެސް އެއީ އޭނާކަން ސާބިތުނުވާ ކަމަށް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކިކުރުމަށް ފަހު، ދެން ތިއްބެވި ފަނޑިޔާރުން މަގާމުގައި ދެމި ތިއްބަވާނެ އެވެ. އަދި ވަކިކުރާ ފަނޑިޔާރުންނަށް، ފަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ ށ. އަދި ނ. ގައި ކަނޑައަޅާފައިވާ ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުން ލިބިދޭންވާނެ ކަމަށް ވެސް ބިލްގައިވެ އެވެ. ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެނައުމުގެ އިތުރުން އުއްތަމަ ފަނޑިޔާރު އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލްގައިވެ އެވެ. ގާނޫނު އަސާސީގައި ވެސް ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އައްޔަން ކުރާނީ ރައީސް ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަހްމަދު މުއުތަސިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ