ހަމީދުގެ ޖިނާއީ މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓުގައި ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ އަޑުއެހުން މިއަދު އެ ކޯޓުގައި ފަށައިފި އެވެ. ހަމީދުގެ ފަރާތުން މައްސަލަ ހުށަހަޅުއްވަމުން އޭނާގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ހަމީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ އުފުލި ގަތުމަށް ސަރުކާރާއި ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމަކީ އަމަލު ނުކުރެވުމުގެ ސަބަބުން ބާތިލްވެފައިވާ އެއްބަސްވުމެއް ކަމަށާއި އެކަމަށް ހައި ކޯޓުން ރިއާޔަތް ކޮށްފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ. ވަކީލު ވިދާޅުވީ އެއްބަސްވުމާއި ސަރުކާރުން ފުރަތަމަ ހިލާފުވުމުގެ ސަބަބުން އެ އެއްބަސްވުން އެކަހެރިކޮށް އަމަލު ކުރެވެމުން ދިޔައީ ދެ ފަރާތުން ވާހަކަ ދައްކައިގެން ހަމަޖެހުނު އުސޫލުތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ފައިސާ ދެއްކުމަށް އެއްބަސްވުމުގައި ބުނެފައި ވަނީ ޓީޓީއަކުން ކަމަށާއި ނަމަވެސް އުޅަނދުގެ ފައިސާ ދައްކާފައި ވަނީ އެލްސީއަކުންކަން ވަކީލު ފާހަގަ ކުރެއްވި އެވެ. އަދި އެކަމާ ފިނޭންސް މިނިސްޓްރީން ވެސް އެއްބަސްވެފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ. ޝާއިރު ވިދާޅުވީ ހަމީދުގެ މައްޗަށް ހުކުމް ކުރުމުގައި އެންމެ ބޮޑަށް ބަލާފައި ވަނީ އުޅަނދާ ހަވާލުވި ތަން ކަމަށެވެ. ނަމަވެސް އުޅަނދާ ހަވާލުވާން ފަހުން އެއްބަސްވެފައި ވަނީ އިންޑޮނޭޝިއާގެ ބަނދަރަކުން ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ސިންގަޕޫރު ކުންފުނިން އެގޮތަށް އެދުމުން މުނިސިޕަލްޓީން އެކަން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށާއި އެ މިނިސްޓްރީން އެކަމަށް އިއުތިރާޒު ކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އައިލެންޑް ލޮޖިސްޓިކާ ފައިސާ ހަވާލު ކުރިއިރު މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ އެންމެ އިސް ވެރިއަކީ ހަމީދު ކަމަށް ހައި ކޯޓުން ކަނޑައަޅާފައި އޮތް ނަމަވެސް ހަމީދަކީ އޭރު މުނިސިޕަލްޓީގެ މުވައްޒަފެއް ނޫން ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި އެކަން ސާބިތުކޮށްދޭ ކަމަށް ބުނާ ލިޔުމެއް ވެސް ވަކީލު ވަނީ ޝަރީއަތަށް ހުށަހަޅުއްވައިފަ އެވެ. ހަމީދުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން ތަހުގީގުކުރި ކަމަށް ބުނިއިރު އެކަން ކޮށްފައި ވަނީ އެ އޮފީހުގެ މުވައްޒަފުންތަކެއް ކަމަށާއި ގާނޫނު ލާޒިމު ކުރަނީ އޭސީސީން ކުރާ ތަހުގީގުތައް ސީދާ މެންބަރުން ކުރުމަށް ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންކަމުން އެ އިޖުރާއުތަކަކީ ބާތިލް އިޖުރާއުތަކެއް ކަމަށް ކަނޑައަޅައިދިނުމަށް ވަކީލު އެދިވަޑައިގެތެވެ. ހަމީދުގެ ފަރާތުން ވަކީލު އެދިވަޑައިގަތީ ސުޕްރީމް ކޯޓުގެ ޝަރީއަތް ނިމުމުގެ ކުރިން ހަމީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ނުކުރުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށެވެ. އަދި ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކޮށްދިނުމަށް ވެސް ވަކީލު އެދިވަޑައިގަތެވެ. ހަމީދުގެ ފަރާތުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލު އަބްދުﷲ ރާބިއު ވިދާޅުވީ އައިލެންޑް ލޮޖިސްޓިކާއި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ އުފުލި ގަތުން ކަމަށެވެ. އަދި އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެ އެއްބަސްވުން ބާތިލުވެފައިނުވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ވަކީލު ވިދާޅުވީ އެ އެއްބަސްވުމަކީ ބަންޑާރަ ނައިބުގެ އޮފީހަށް ވެސް ފޮނުވުމެއް ނެތި ސަރުކާރުގެ މަސްލަހަތު އެންމެ ފުރިހަމަ އަށް ހިމާޔަތް ނުކުރެވޭނެ ފަދަ ގޮތަކަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމުގައިވާ ގޮތުން އުޅަނދު ހަވާލު ކުރަން ޖެހޭނީ މާލޭ ބަނދަރުން ކަމަށާއި ހަވާލު ކުރެވޭނީ އުޅަނދުގެ ޓެކްނިކަލް ސްޕެސިފިކޭޝަންތައް ސަރުކާރާ ހަވާލު ކުރާތާ ހަތް ދުވަސް ފަހުން ކަމަށް ވަކީލު ވިދާޅުވި އެވެ. ނަމަވެސް އެއްބަސްވުމާ ކަނޑައެޅިގެން ހިލާފަށް ހަމީދު ވަނީ މާލޭ ބަނދަރަށް އުޅަނދު ގެނައުމުގެ އެތައް މަހެއް ކުރިން އުޅަނދާ ހަވާލުވި ކަމަށް ސޮއި ކޮށްފައި ކަމަށް ވަކީލު ވިދާޅުވި އެވެ. އުޅަނދާ ހަވާލުވީ ސަރުކާރުން އެގޮތަށް އަމަލު ކުރުމަށް ބުނުމުން ކަމަށް ހަމީދު ބުނި ނަމަވެސް އޭނާ އެކަންކޮށްފައި ވަނީ އަމިއްލައަށް ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ އުޅަނދު ހަވާލު ކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއް ކަމަށާއި އެ ބުރަ ސަރުކާރުން އުފުލަން ނުޖެހޭނެ ކަމަށެވެ. އުޅަނދު ލިބުމުގެ ކުރިން އުޅަނދު ލިބިފައިވާ ކަމަށް ހަމީދު ސޮއި ކުރުމުގެ ސީދާ ނަތީޖާއެއްގެ ގޮތުން އައިލެންޑް ލޮޖިސްޓިކަށް ހައްގުނުވާ މަންފާއެއް ލިބިފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި އުޅަނދު ލިބިފައިވާ ކަމަށް ސޮއި ކުރި ތާރީހުން ފެށިގެން ވޮރަންޓީގެ މުއްދަތު ހިނގަން ފަށާފައިވާ ކަމަށާއި މާލޭ ބަނދަރަށް އެ އުޅަނދު ގެނައި ފަހުން ވޮރަންޓީގެ މުއްދަތަށް އޮތީ އެންމެ ދެ ދުވަސް ކަމަށް ވަކީލު ވިދާޅުވި އެވެ. އެއީ ވެސް ލޮޖިސްޓިކް ކުންފުންޏަށް ލިބުނު ނާޖާއިޒު ފައިދާއެއް ކަމަށް ވަކީލު ވިދާޅުވި އެވެ. ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދުނީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހަދު ފާއިޒު ހުސެއިންނާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުން ކާށިދޫ ދާއިރާގެ ގޮނޑިއާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ކުރިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ކޯޓުން ނިންމާފައި ވަނީ އިލްތިމާސްކުރުމުގެ ހައްގު އޮތްހާ ހިނދަކު ހަމީދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ނުބެލޭނެ ކަމަށާއި ނަމަވެސް ހުކުމް ދެމިއޮތްހާ ހިނދަކު ރައްޔިތުންގެ މަޖިލީހަށް އޭނާ އަށް ހާޒިރުނުވެވޭނެ ކަމަށެވެ. ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މުނިސިޕަލްޓީން ގަތް ކޮޅުވެއްޓިއެއް ސަރުކާރަށް ލިބުމުގެ ހައެއްކަ މަސް ކުރިން އެ އުޅަނދު ލިބުނު ކަމަށް ހަމީދު ސޮއިކުރެއްވި ކަމަށް ބުނެ އެވެ. އެގްރިމެންޓުގައިވާ ގޮތުން އުޅަނދުގެ އަގުގެ 50 ޕަސެންޓް ދައްކަން ޖެހެނީ އެގްރިމެންޓުގައި ސޮއިކުރުމުންނެވެ. ބާކީ ފައިސާ ދައްކަން ޖެހެނީ އުޅަނދު ސަރުކާރަށް ލިބުމުންނެވެ. އެހެންކަމުން އުޅަނދު ލިބުމުގެ ކުރިން އެ ލިބިއްޖެ ކަމަށް ސޮއިކުރުމުން އުޅަނދު ވިއްކި ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ގޮތުގައި ފައިދާތަކެއް ވެފައިވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި 74 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ