މ. ކޮޅުފުށީ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ކައުންސިލް އިދާރާ ބަންދުކޮށް މުޒާހަރާ ކުރަން ފަށައިފިއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ކޮޅުފުށީ ކައުންސިލް މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ "ދިހަ ވަރަކަށް މީހުން" ނިކުމެ ކައުންސިލް އިދާރާގެ ދޮރު ތަކުގައި ޗޭނު އަޅުވާ ބަންދުކޮށްފައިވާ ކަމަށެވެ. އެ މީހުން ކައުންސިލް އިދާރާ ބަންދުކުރީ އިންޖީނުގެ އާއި ބެހޭ މައުލޫމާތުތަކެއް ނުލިބިގެން ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.
"ވެގެން އުޅޭ ގޮތަކީ އަޅުގަނޑުމެން ބޭނުން ކުރަމުން ދިޔަ ދެ އިންޖީނު ރޭ ކުއްލިއަކަށް ހުއްޓުނީ. މިހާރު އަޅުގަނޑުމެން ކަރަންޓް ދެމުން މި ގެންދަނީ ކުޑަ އެންމެ އިންޖީނަކުން. އެހެންވެ ކަރަންޓް މައްސަލަ އުޅޭތީ އެކަމުގެ މައުލޫމާތު ހޯދަން އެމީހުން އައީ،" ރަޝީދު ވިދާޅުވިއެވެ. "އެ މީހުން (މުޒާހަރާ ކުރާ މީހުން) ކުރިން ކައުންސިލް ރައީސް އާއި ބައްދަލު ކުރި. ރައީސް ވިދާޅުވި ކަމަށް ވަނީ މިއަދު 10:30 މައުލޫމާތު ދޭނަމޭ. ނަމަވެސް މިއަދު ރައީސް އާއި ނައިބު ރައީސްވެސް ބަލިވެ އުޅޭތީ އޮފީހަކަށް ނާދެ. އެހެންވެ އެ މައުލޫމާތު ނުދެވުމުން އޮފީސް ބަންދުކުރީ،"
މުޒާހަރާގެ ބައިވެރިއެއް ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާގައި ބައިވެރިވާ ކަމަށެވެ. އަދި އެމީހުން އޮފީސް ހުޅުވާނީ ބޭނުންވާ މައުލޫމާތުތައް ލިބުމުން ކަމަށެވެ.
"އަޅުގަނޑުމެން ރައްޔިތުން ބޭނުންވަނީ ތިން އަހަރު އިންޖީނުގެއަށް ކުރި ހަރަދުތަކުގެ ތަފްސީލް ލިއުމަކުން. ދެން ފާއިތުވި ތިން އަހަރު ކައުންސިލުން ރައްޔިތުންނާ ބައްދަލު ކޮށްފައި ކޮށްފައިނުވަނީ ކީއްވެތޯ ބަލަން. އަޅުގަނޑުމެން އޮފީސް ހުޅުވާނީ ބޭނުންވާ މައުލޫމާތުތައް ލިބުމުން،" މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުންޏެވެ.
އެނާ ބުނީ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ބަލިވެ އޮފީހަށް ސަލާމް ބުނެފައިވާއިރު، އެ ދެ ބޭފުޅުންވެސް އަމިއްލަ މަސައްކަތުގައި އުޅެމުން އަންނަ ކަމަށެވެ. އަދި މިއަދު އޮފީހަށް ނިކުމެ އުޅުއްވަނީ ދެ ކައުންސިލަރުން ކަމަށްވެސް އޭނަ ވިދާޅުވިއެވެ.
ކޮޅުފުށިކައުންސިލް އިދާރާ ބަންދުކޮށްގެން މުޒާހަރާކުރުމުންދާއިރު، މާލެ އަތޮޅު ގުޅި ކައުންސިލް އިދާރާވެސް ރައްޔިތުން ނުކުމެވަނީ ހިސޯރުކޮށްފައެވެ. އެރަށު ކައުންސިލް އިދާރާ ރައްޔިތުން ހިސޯރުކުރީ ގޯތި ދޫކުރުމުގެ މައްސަލާގައެވެ.
ކައުންސިލް އިދާރާ ހިސޯރުކޮށްގެން ތިބި މީހުން ބުނަމުންދަނީ ގޯތި ދޫކުރި އިރު ހައްގުނުވާ މީހުންނަށް ގޯތި ދޫކޮށްފައިވާކަމަށާއި އެހެންކަމުން އެކަން ބަލައި އިސްލާހުކުރަން ޖެހޭނެކަމަށެވެ.
ކައުންސިލުން ބުނީ އެއްވެފައި ތިބި މީހުންނާ ހެދި މަސައްކަތްނުކުރެވޭކަމަށާއި އަދި އެއްވެފައި ތިބި މީހުން މުއާމަލާތް ކުރަނީ ވަރަށް ހުތުރުބަހުން ކަމަށެވެ.
ކޮޅުފުށީ ކައުންސިލް އިދާރާ ބަންދުކޮށް، ރައްޔިތުން މުޒާހަރާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ