ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީންއަށް އެމްޑީޕީން މަރުހަބާ ކިޔައިފި

ރާއްޖޭގެ އެކިކަންކޮޅުގައި މިއަދު ކުރިއަށް ގެންދެވުނު ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ގައި ވާދަކޮށް ޕީޕީއެމް ރިޔާސީ ޓިކެޓް ހޯއްްދެވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު ޔާމީން އަބްދުލްގައްޔޫމްއަށް އެމްޑީޕީން މަރުހަބާ ކިޔައިފިއެވެ.
ދާދިދެންމެއަކު އެމްޑީޕީގެ ޗެއާރޕާސަން މޫސާ މަނިކު ނެރުއްވާފައިވާ ތަހުނިޔާގެ މެސެޖްގައިވަނީ ޕީޕީއެމްގެ ޕްރައިމަރީގައި 63 އިންސައްތަ ވޯޓު ހޯއްދަވައިގެން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ މަގާމް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އޮނަރަބްލް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާސިލްކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް އެމްޑީޕީން މަރުހަބާ ދަންނަވައި ތަހުނިޔާ އަރިސްކުރާ ކަމަށެވެ.
"ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އޮނަރަބްލް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ވާދަކުރެއްވުމުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެންދިއުމަށް މަގުފަހިވާނެ ސިޔާސީ މަސައްކަތްތަކެއް ކުރައްވާފައިވާތީ އަލްފާޟިލް އުމަރު ނަސީރަށްވެސް މިފުރުސަތުގައި މިޕާޓީގެ ފަރާތުން ހިތްވަރުދެމެވެ،" އެމްޑީޕީން ނެރެފައިވާ މަރުހަބާގެ މެސެޖްގައިވެއެވެ.
"ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތައް ބޭއްވެމުންދިއުމާއި، އެ ޕާޓީއެއްގެ އެކިގުނަވަނާއި މެމްބަރުންގެ މެދުގައި ޑިމޮކްރެޓިކް ހަރަކާތްތައް ހިންގެވުމަކީ، ދިވެހި ރާއްޖޭގެ މި ފަހުގެ ތާރީހްގައި ފުރަތަމައަށް އުފެދިގެންއައި ސިޔާސީ ޕާޓީގެ ހައިސިއްޔަތުންނާއިއެކު، އެމްޑީޕީން މަރުހަބާކިޔާ ކަންކަމެވެ،" އެމްޑީޕީގެ ޗެއާރޕާސަން ނެރުއްވާފައިވާ މަރުހަބާގެ މެސެޖްގައިވެއެވެ.
މީގެ އިތުރުން، ގައުމެއްގައި ބޭއްވޭ އިންތިހާބުތަކުގެ އިންސާފުވެރިކަމާއި މިނިވަންކަމާއި ހަމަހަމަކަން ވެގެންގޮސްފައި ހުންނަނީ އެގައުމެއްގެ ފާގަތިކަމާއި ބައިނަލްއަގުވާމީ ގުޅުންތަކުގެ ބަދަހި ކަމާއި އަދި ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓޭކަމުގެ ހެޔޮ ރަމްޒުތަކެއްކަމަށްވެސް އެމްޑީޕީގެ މަރުހަބާގެ މެސެޖްގައިވެއެވެ.
"އިންތިހާބުތަކުގައި ވޯޓުދެވިގެން ނަތީޖާ ގަބޫލުކުރެވުމަކީ ކާމިޔާބު ސިޔާސީ ނިޒާމެއްގެ އެންމެވަރުގަދަ އަސާސްކަމަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދަށް މެދުވެރިކުރެވިފައި ހުރި ސިޔާސީ ތުހުމަތުތަކެއްގެ ގާނޫނީ ދުއްތުރާތަކާއި ހުރަސްތައް ދެމެހެއްޓެވުމާއި ދެކޮޅަށް ސީދާ އިންތިހާބުގައި ގުނޭ ވޯޓުގެ އަދަދުން ކާމިޔާބީ ހޯއްދެވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބްލް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކަންދެއްވާނެކަމުގައި މިޕާޓީން ދެކެމެވެ،" އެމްޑީޕީގެ ޗެއާރޕާސަން މޫސާ މަނިކު ނެރެފައިވާ މަރުހަބާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ