އަލުން ސިޔާސީ ދާއިރާއަށް އައީ ކަންކަން އެމްޑީޕީން ގޯސް ކޮށްލުމުން: ގާސިމް

ދެހާސް އަށެއްގެ ރިޔާސީ އިންތިހާބަށްފަހު ސިޔާސީ ދާއިރާއާ ދުރުގައި ހުންނަވަން ބޭނުންފުޅުވި ނަމަވެސް އަލުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން މަޖުބޫރުވީ ރާއްޖެއަށް ގެންނަން ބޭނުންވި އިސްލާހީ ބަދަލުތައް އެމްޑީޕީގެ ސަރުކާރުން ގޯހުން ގޯހަށް ދުއްވާލުމުން ކަމަށް ޖޭޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިރޭ ނ. ކެނދިކުޅުދޫގައި ޖޭޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެންނަން އެމަނިކުފާނު އިސްވެ "ޖާނާއި މާލުން" ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެ މަސައްކަތަށްފަހު ވެރިކަމަށް އައި އެމްޑީޕީގެ ސަރުކާރުން ކަންކަން އިސްލާހު ކުރާނެ ކަމަށް ވެސް ގަބޫލުފުޅު ކުރެއްވި ކަމަށެވެ.
"ނަމަވެސް ވެރިކަމާއި ހަވާލުވެ ތިން ހަފުތާ ތެރޭގައި ޤައުމުގެ ހަރުމުދާ ވިއްކާލުމުގެ މަސައްކަތް އެ ސަރުކާރުން ފެށީ،" ގާސިމް ވިދާޅުވި އެވެ. "އެހިސާބުން ގައުމުގެ އިޤްތިސޯދާއި އަދާލަތާ ހަމަޖެހުން ގެއްލުމުން އަނެއްކާވެސް ރައްޔިތުންނަށްޓަކާ އިސްލާހީ މަސައްކަތަށް ނުކުންނަން މަޖުބޫރުވީ."
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެ ދީނުގައި ކަންކަން ކުރަން އަންގަވާފައިވާ ގޮތްތަކާއި ދިމާއިދިކޮޅަށް ނަޝީދު ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށާއި ދުނިޔޭގައި އެއްވެސް ހަމައެއް ލަމައެއް ނެތް ގޮތް ގޮތަށް އަމަލު ކުރަމުންގެންދާ ޤައުމު ތަކުގައި ކަންކަން ކުރާ ފަދައިން ގާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ނަޝީދުގެ ސަރުކާރުން އެމަނިކުފާނާއި ބައެއް އެހެން ބޭފުޅުންވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެންނަން ނުކުތުމަށް ދެވަނަ ފަހަރަށް ވެސް ބޭނުންވި ސަބަބު ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނަޝީދުގެ އަރިހުން ކިތަންމެ ބަޔަކު ފެނުނަސް އިންތިހާބުގެ ނަތީޖާ އަންނައިރު ވޯޓްލާ މީހުންގެ 20 ޕަސަންޓް ވެސް ނަޝީދަށް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
މިރޭ ޖަލްސާގައި ގާސިމް ދެން ވާހަކަފުޅު ދައްކަވާފައި ވަނީ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ ނ. މާފަރު އެއާޕޯޓު މައްސަލަ އަށެވެ. ގާސިމް ވަނީ އެ މަސައްކަތް އަވަސް ކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ