ރާއްޖޭގެ ހެޔޮ ބަދަލުގެ ބެލެނިވެރިޔަކީ އެމްޑީޕީ: ނަޝީދު

ރާއްޖެ ދެކެމުން އަންނަ ހެޔޮ ބަދަލުގެ ބެލެނިވެރިޔަކީ އަދި ބަލަދުވެރިޔަކީ ވެސް އެމްޑީޕީ ކަމަށާއި އެމްޑީޕީގެ ވާދަވެރިން ކަންކަން ކުރަނީ އެމްޑީޕީ ފިކުރުގެ ބިންގަލުގެ މަތީގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. ނ. ހޮޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހަގީގަތުގައި އޮންނަނީ އެއް ފިކުރު ކަމަށާއި "އެއީ އެމްޑީޕީގެ ފިކުރު" ކަމަށެވެ. އެމްޑީޕީގެ ފިކުރަކީ ގާނޫނުއަސާސީ ކަމަށާއި ގިނަ ޕާޓީ އެކުލެވޭ ފިކުރާއި އަވަސް ތަރައްގީ ގެނައުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މިހާރު ރާއްޖޭގެ އެންމެހާ އުސޫލުތައް ބިނާވެފައިވަނީ ވަނީ އެމްޑީޕީގެ ފިކުރުގެ މައްޗަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. "€œލާމަރުކަޒީގެ ފިކުރަކީ އެމްޑީޕީގެ ފިކުރެއް. ޓެކްސް ނިޒާމަކީ އެމްޑީޕީގެ ފިކުރު. އިޖުތިމާއީ ރައްކާތެރި ކަމަކީ ވެސް އެމްޑީޕީގެ ފިކުރެއް،"€ ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީން ކުރިން އެންމެ ބޮޑަށް އަމާޒުކުރީ އިޖުތިމާއީ ރައްކާތެރިކަން ގާއިމުކުރުމަށް ކަމަށާއި އެއީ ފަގީރުކަން ނައްތާލުމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. ކުރިއަށް އޮތް ފަސް އަހަރު، އިޖުތިމާއީ ރައްކާތެރިކަން އިތުރަށް ރައްކާތެރިކުރުމާ އެކު އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެކި ބާވަތުގެ ވިޔަފާރި އުފެއްދުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ގެސްޓް ހައުސްގެ ވިޔަފާރި އާއި އެގްރި-ވިޔަފާރި އާއި ފަޅުގޮވާމުގެ ވިޔަފާރި އުފެއްދުމަށް މި ފަހަރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ ބޭނުމަކީ ހުރިހާ ރަށެއްގައި ވިޔަވާރި ތަނަވަސްކުރުމާ އެކު ވަޒީފާތައް އުފެއްދުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެމްޑީޕީ އާއި އެހެން ޕާޓީތަކާ ސިޔާސަތުގެ ތަފާތު އެބަހުރި ކަމަށާއި އެމްޑީޕީން އެދެނީ ގުދުރަތީ ވަސީލަތްތައް ބޭނުންކުރެވެން އޮތް އެންމެ ބޮޑަކަށް ބޭނުންކޮށްގެން އަވަސް ތަރައްގީ ގެނައުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ތަރައްގީވުމަށްޓަކައި ބޭރުގެ ތަޖުރިބާ އާއި ވިސްނުމާއި އިންވެސްޓްމަންޓް ވެސް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބުރުއަރީގައި ވެރިކަން ބަދަލުވުމަށް ފަހު، ދުނިޔޭގެ އާއިލާއިން ރާއްޖެ ދުރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެމްޑީޕީގެ ވެރިކަމުގައި އިންޑިއާ އާއި އެހެން ގައުމުތަކާ އޮންނަ ގުޅުން ރަނގަޅުވެގެންދާނެ ކަމަށް އިޝާރަތްކުރައްވައި ނަޝީދު ވިދާޅުވީ "€œހިލަވެލި ވެސް ނޮވެމްބަރު 11 ގައި ލިބޭނެ" ކަމަށެވެ. މިހާރު އިންޑިއާއިން ރާއްޖެ އަށް ހިލައެއް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ