ނަޝީދު، ތޮލްހަތު، މޫސާ އަލީ ޖަލީލް، ދީދީ އަދި ޒިޔާދުގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފި

ގާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިންގެ ބަންދުގައި ބެހެއްޓި މައްސަލާފައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ޝަރީއަތަށް ހުށަހަޅައިފި އެވެ. ނަޝީދު އާއި ތޮލްހަތުގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް އާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ދައުވާކުރުމަށް ވަނީ ފޮނުވާފައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ދައުވާ ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުންނެވެ. އެއީ ދައުލަތުގެ މުވައްޒަފަކަށް ލިބިފައިވާ ބާރަކުން ކުށް ނުކުރާ މީހުން ހިފައި ހައްޔަރުކުރުމުގެ ދައުވާ އެވެ. މި ކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ 2000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. ޕީޖީން މި މައްސަލަ ފޮނުވާފައި ވަނީ ހުޅުމާލޭ ކޯޓަށެވެ. އަބްދުﷲ ގާޒީ ގިރިފުށީގައި ބަންދުކުރި މައްސަލާގައި އެކި ފަރާތްތަކުން އޭރުގެ ސަރުކާރަށް އައި ޕްރެޝަރުތަކާ އެކު ވެސް 22 ދުވަސް ވަންދެން އޭނާ އެކަހެރިކޮށްފައި ބެހެއްޓި އެވެ. މި މައްސަލަ ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ތަހުގީގުކޮށްފަ އެވެ. އެ މައްސަލާގައި ކުރީގެ ރައީސް ނަޝީދުގެ ބަޔާން ނެގުމަށް ވެސް ފުލުހުން އެދުނެވެ. އެކަމަކު ބަޔާން ދެއްވުމަށް ނަޝީދު އިންކާރުކުރެއްވުމާ ގުޅިގެން، އޭނާގެ ބަޔާނާ ނުލައި ތަހުގީގު ނިންމާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ގާޒީ ހައްޔަރުކުރި މައްސަލައިގެ ތަހުގީގަށް ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު ފުލުސް އޮފީހަށް ހާޒިރުކުރެއްވުމުން އޭނާ ވިދާޅުވެފައި ވަނީ ގާޒީ ހައްޔަރުކުރުމަށް އެމްއެންޑީއެފްގައި އެދިވަޑައިގެންނެވީ އޭނާގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ފުލުހުން ބުނާތީ، ފުލުހުންގެ އެދުމުގެ މަތިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ