17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާސިމް ޕާޓީއެއް ބާއްވަނީ
މިއަދު ނިމުނު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފެއާވެލް ޕާޓީއެއް ބާއްވަން ނިންމަވައިފި އެވެ. މިއަދު ބޭއްވި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާއަށް ފަހު، ގާސިމް "ހަވީރަ" ށް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ފެއާވެލް ޕާޓީއެއް ބޭއްވުމަށް ނިންމެވީ، އެ ބޭފުޅުން ކުރެއްވެވި ބުރަ މަސައްކަތް ފާހަގަ ކުރެއްވުމުގެ ގޮތުންނާއި، މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންތަކެއް މަޖިލީހާ ވަކިވަޑައިގަންނަވާތީ ކަމަށެވެ. "މަޖިލީހާ ވަކިވެވަޑައިގަންނަވާ ބޭފުޅުން އަދި އެހެން މެމްބަރުން ވެސް، މަޖިލީހުގެ މަސައްކަތްތަކާއި ކޮމިޓީތަކުގެ މަސައްކަތްތަކުގައި އަޅުގަނޑަށް ވަރަށް ބޮޑު އެހީތެރި ކަމެއް ދެއްވެވި. އަދި އެ ބޭފުޅުން މި ވޭތުވެދިޔަ ފަސް އަހަރު، އިންތިހާ އަށް ބުރަ މަސައްކަތްޕުޅުތަކެއް މަޖިލީހުގައި އެ ކުރެއްވެވީ. އެހެންވެ އެ ބޭފުޅުންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުން މަގުސަދަކީ،" އަންނަ މަހުގެ 28 ގައި ހުވާކުރާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ވިދާޅުވި ގޮތުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޭނާ ބާއްވާ ޕާޓީ، މި ހަފުތާ ތެރޭގައި ނުވަތަ އަންނަ ހަފުތާގައި އޮންނާނެ ކަމަށެވެ. ނަމަވެސް އެ ޕާޓީ ބާއްވާނެ ތަނެއް އަދި ނުނިންމަވާ ކަމަށް ގާސިމް ވިދާޅުވި އެވެ. ނިމިގެން ދިޔަ މަޖިލީހުގެ 77 މެމްބަރުން ތިއްބެވިއިރު، އާ މަޖިލީހުގައި 85 މެމްބަރުން ތިއްބަވާނެ އެވެ. އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ މަހު 28 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ