މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ފަށައިފި
މި އަހަރުގެ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ. މުބާރާތުގެ 13 އަހަރުން ދަށުގެ މެޗުތައް އިއްޔެ ހެނދުނު ފެށިއިރު ރަސްމީކޮށް މުބާރާތް ހުޅުވީ އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މުބާރާތް ހުޅުއްވައިދެއްވީ ކުޅިވަރާ ބެހޭ މިނިސްޓަރުގެ ނައިބު ނާއިފް ޝައުކަތެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހެނދުނު 13 އަހަރުން ދަށުގެ ގްރޫޕް އެކެއްގައި ޣިޔާސުއްދީން ސްކޫލް އަތުން 3-1 އިން އަރަބިއްޔާ ވަނީ މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި މުހިއްދީނާއި ކަލާފާނު ސްކޫލް ކުޅެ 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން މޮޅުވީ މުހިއްދީނެވެ. މުބާރާތުގައި މިއަދު ހެނދުނު ގްރޫޕް ދޭއްގެ ދެ މެޗު ކުޅުނެވެ. ތާޖުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލް ކުޅެ 2-2 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން މޮޅުވީ ޖަމާލުއްދީނެވެ. ދެ ވަނަ މެޗުގައި ބިލަބޮންގް ހައި ސްކޫލް އަތުން 10-0 އިން އިސްކަންދަރު ސްކޫލް ވަނީ މޮޅުވެފަ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން މޮޅުވާ ޓީމަކަށް ދެ ޕޮއިންޓް ލިބޭއިރު ބަލިވާ ޓީމަކަށް އެއް ޕޮއިންޓް ލިބޭނެ އެވެ. ފުރިހަމަ ވަގުތު މޮޅުވާ ޓީމަކަށް އާއްމު އުސޫލުގެ މަތިން ތިން ޕޮއިންޓް ލިބޭނެ އެވެ. ތޭރަ އަހަރުން ދަށުގެ ގްރޫޕް އެކެއްގައި ހިމެނެނީ މުހްޔިއްދީން ސްކޫލާއި ކަލާފާނު ސްކޫލާއި އަރަބިއްޔާ ސްކޫލާއި ޣިޔާސުއްދީން ސްކޫލް އަދި އިމާދުއްދީން ސްކޫލެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ތާޖުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި އަދި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލެވެ. މުބާރާތުގެ 13 އަހަރުން ދަށުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. މުބާރާތުގައި ދެން ހިމެނެނީ 15 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ