އޭވައިއެލް ރެލިގޭޓްވެ، ޓީސީ ފުރަތަމަ ޑިވިޝަނަށް

މެޗުގެ އިތުރު ވަގުތުގައި ޖެހި ދެ ލަނޑާއެކު ދިވެހި ލީގު ކޮލިފިކޭޝަންގެ ފަހު މެޗުގައި މިރޭ ބީޖީ ސްޕޯޓްސް ކްލަބް އަތުން 4-2 އިން ބަލިވެ، ހަ އަހަރު ފުރަތަމަ ޑިވިޝަންގައި ދެމިއޮތް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ އެވެ. އަދި މި ނަތީޖާއާއެކު، ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން މި އަހަރު ހޯދި ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ބީޖީ އާއި އޭވައިއެލް އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕޮއިންޓަކާއެކު އޭވައިއެލް އަށް ފުރަތަމަ ޑިވިޝަންގެ ޖާގައެއް ލިބެން އޮތް ނަމަވެސް، އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ބީޖީގެ މުހައްމަދު އިހުސާން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ. އަދި އިތުރު ވަގުތުގައި ބީޖީގެ އާދަމް އިޝާމް ވަނީ އިތުރު ލަނޑެއް ޖަހައި، އޭވައިއެލްގެ އުންމީދުތައް ފެނަށް ދުއްވާލައިފަ އެވެ. މެޗުގެ ހަތް ވަނަ މިނިޓުގައި އޭވައިއެލް ހަސަން ސޮލާހު އެ ޓީމަށް ލީޑު ހޯދައިދިން ނަމަވެސް، ޖެހިގެން އައި މިނިޓުގައި ބީޖީގެ އަހުމަދު ވިޝާމް (ޖެރާޑް) ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ބީޖީގެ ނައިޖީރިއާ ފޯވަޑް އަޓާޕާ ކަޒީމް 11 ވަނަ މިނިޓުގައި ލަނޑެއް ޖަހައި ބީޖީ އަށް ލީޑު ހޯދައިދިން ނަމަވެސް، 56 ވަނަ މިނިޓުގައި ސޮލާހު ވަނީ ލަނޑެއް ޖަހައި އޭވައިއެލް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިރޭގެ މެޗުގެ ކުރިން ވެސް ފުރަތަމަ ޑިވިޝަންގައި ދެމި އޮންނާނެކަން ޔަގީންކޮށްފައި އޮތް ބީޖީ ކޮލިފިކޭޝަންގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާއެކު އެވެ. ފުރަތަމަ ޑިވިޝަން އިން ފުރަތަމަ ފަހަރަށް ޓީސީ ޖާގަ ހޯދީ ހަތަރު ޕޮއިންޓާއެކު ދެވަނަ ހޯދައިގެނެވެ. ޓީސީ އާއި އޭވައިއެލް ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް، ޓީސީ ދެވަނަ ހޯދީ ލަނޑުގެ ތަފާތުންނެވެ. ދެވަނަ ޑިވިޝަންގެ ރަނަރަޕް ޔުނައިޓެޑް ވިކްޓަރީ ކޮލިފައިން ބުރު ނިންމާލީ ހުސް އަތާ އެވެ. ވަރުގަދަ ސްކޮޑަކާއެކު މި އަހަރު ނިކުތް ޓީސީ ލަނޑުގެ ގޮތުން އޭވައިއެލްގެ މައްޗަށް ކުރި ހޯދީ ކޮލިފިކޭޝަންގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ އަތުން 16-2 އިން މޮޅުވެގެންނެވެ. އޭވައިއެލް ވަނީ 2009 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަންގައި ވާދަކޮށްފަ އެވެ. މިހާރު ރާއްޖޭގެ ގައުމީ ޓީމަށް ކުޅެމުންދާ އަލީ ފާސިރު (ސެންޓޭ) އާއި އަސަދުﷲ އަބްދުﷲ އަދި ގަަަައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އަކީ އޭވައިއެލް އިން އެ އަހަރު ފުރަތަމަ ޑިވިޝަނަށް ނިކުތް ކުޅުންތެރިންނެވެ. މީގެ އިތުުރުން ވެސް ފުރަތަމަ ޑިވިޝަންގައި ފާހަގަކޮށްލެވުނު ގިނަ ކުޅުންތެރިންތަކެއް އޭވައިއެލް އިން ވަނީ ނިކުމެފަ އެވެ. ފުރަތަމަ ޑިވިޝަންގައި ހޭދަކުރި ހަ ސީޒަންގައި އޭވައިއެލް އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކަށް ވާނީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ތިން ވަނަ ހޯދުމެވެ. މީގެ އިތުރުން މިދިޔަ އަހަރު ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމަކީ ވެސް އެ ޓީމަށް ލިބުނު ކާމިޔާބެެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ