ކަރަންޓް ސަބްސިޑީއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން މާލޭ ސިޓީ ކައުންސިލުން ގޮވާލައިފި

ކަރަންޓް ސަބްސިޑީ އަަށް އެދި އަލުން ހުށަހަޅަން އެންގި ނަމަވެސް އެކަމާ ބެހޭ މައުލޫމާތު އާންމުންނަށް އެކަށީގެންވާ ވަރަށް ލިބިފައި ނުވާ ކަމަށް ބުނެ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ގޮވާލައިފި އެވެ. ގޭބިސީތަކަށް ދޫކުރާ ކަރަންޓް ސަބްސިޑީ އަށް އެދުމުގެ ފުރުސަތު އެންސްޕާ އިން ހުޅުވާލީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. އެންސްޕާ އިން ބުނެފައިވާ ގޮތުގައި މި މަހުގެ 9 ވަނަ ދުވަހާ ހަމައަށް އަލުން ރަޖިސްޓްރީ ނުކުރާ ފަރާތްތަަކަށް ސަބްސިޑީއެއް ނުލިބޭނެ އެވެ. މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސަބްސިޑީ އަށް އަލުން ރަޖިސްޓްރީ ކުރަން ދިން މުއްދަތު ބުރާސްފަތި ދުވަހު ހަމަވާ އިރު، މާލޭގެ ގިނަ ބަޔަކަށް ސަބްސިޑީ ނުލިބިދާނެތީ އެ ހިދުމަތުން ގިނަ އާއިލާތަކެއް މަހުރޫމް ވެދާނެ ކަމަށެވެ. "ސަބްސިޑީ ހައްގު އާއިލާތަކަށް ފުރުސަތު ދިނުމުގެ ގޮތުން އަލުން މުރާޖައާކޮށް [ރަޖިސްޓްރީ ކުރަން] އިތުރު ފުރުސަތު ދެއްްވުން މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ކަމާ ބެހޭ ފަރާތްތަަށް ގޮވާލަމެވެ،" ކައުންސިލްގެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މާލޭގެ ގިނަ ރައްޔިތުން މިހާރު ވެސް އުޅެމުން ދަނީ ކުޑަކުޑަ ތަންތަންކޮޅުގައި ތޮއްޖެހިގެން ވަރަށް ދަތި ހާލުގައި ކަމަށެވެ. އަދި ދިރިއުޅުމުގެ ހަރަދު އެއް ދުވަހުން އަނެއް ދުވަހަށް އުފުލެމުން ދާއިރު ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީ ކަނޑާލައިފި ނަމަ، ގިނަ އާއިލާތަކަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެހި އާއިލާތައް ބިކަވެ ހާލުގައި ޖެހިދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. "...ކަރަންޓްގެ ހިދުމަތަކީ ސިޓީ ކައުންސިލުން ފޯރުކޮށް ދޭން ޖެހޭ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅާފައިވުމާ އެކު ކަރަންޓް ސަބްސިޑީ ލިބެން ޖެހޭ އާއިލާތަކުގެ ތެރެއިން ސަބްސިޑީ ނުލިބި ގިނަ ބަޔަކު ވުމަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެެކެވެ." ބަޔާނުގައިވެ އެވެ. މާލޭގައި ސަބްސިޑީ ލިބޭ ގާތްގަނޑަކަށް 20،000 މީޓަރު އެބަ ހުއްޓެވެ. އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު އިއްޔެ ވިދާޅުވީ މާލޭން މިހާތަނަށް ހުށަހަޅާފައި ވަނީ 5،000 ފޯމް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ