ކޯޓުން އިންތިހާބަށް އިތުރު ނުފޫޒެއް ނުފޯރުވުމަށް އެމެރިކާ އިން ގޮވާލައިފި

ޑިމޮކްރަޓިކް ހަމަތަކުގެ މަތިން އާ ސަރުކާރެއް އިންތިހާބުކުރުމަށް ފުރުސަތު ދިނުމަށްޓަކައި، ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބަށް އިތުރު ނުފޫޒެއް ނުފޯރުވުން މުހިންމު ކަމަށް އެމެރިކާ އިން މިއަދު ބުނެފި އެވެ. އިންތިހާބުގެ ދެ ވަނަ ބުރު މިއަދު ބާއްވަން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުގެ އަމުރަކަށް، އަންނަ ހޮނިހިރު ދުވަހަށް ފަސްކުރުމާ ގުޅިގެން، ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ކޯޓުގެ އަމުރާ މެދު ކަންބޮޑުވާ ކަމަށެވެ. އެގޮތުން މިއަދު ދެ ވަނަ ބުރު ބޭއްވޭ ގޮތް ނުވުމުން މިރޭ މެންދަމު ރިޔާސީ ދައުރު ހަމަވެ، މިހާރުގެ ރައީސްގެ ގާނޫނީ ހައިސިއްޔަތު ނިމުމަކަށް އަންނާނެކަން ފާހަގަކޮށްފައިވެ އެވެ. އެކަމަކު ރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މިހާރުގެ ސަރުކާރު ދެމިގެންދާނެ ކަމަށާއި ރައީސަށް ވެސް މަގާމުގައި ހުންނެވޭނެ ކަމަށެވެ. އެމެރިކާ އިން ވަނީ ދައުލަތުގެ ތިން ބާރުން ވެސް ގާނޫނު އަސާސީ އަށް އިހުތިރާމްކޮށް، ގާނޫނު އަސާސީ އެކި ގޮތްގޮތަށް މާނަކުރުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އެމެރިކާ އިން ބުނި ގޮތުގައި ސުޕްރީމް ކޯޓުން ތަކުރާރުކޮށް، ބޭނުމެއް ނެތް ގޮތުގައި އިންތިހާބީ ކަންކަމަށް ނުފޫޒު ފޯރުވާތީ ރާއްޖޭގެ ޑިމޮކްރަސީގެ ބާރު ކެނޑި އަދި ގޮތް ނިންމުމަށް ރައްޔިތުންނަށް ލިބިފައިވާ އިހްތިޔާރު ގެއްލެ އެވެ. އެހެންވެ އިންތިހާބަށް އިތުރު ނުފޫޒެއް ނުފޯރުވައި އިންތިހާބުގެ ކަންކަން ފުރިހަމަކުރުމަށް ފުރުސަތު ދިނުން ވަރަށް މުހިންމު ކަމަށް ވެސް ވަނީ ބުނެފަ އެވެ. މިރޭ ދަންވަރު ރިޔާސީ ދައުރު ހަމަވާއިރު ރައީސަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ވެރިކަން ހަވާލުކުރަން މަޖިލީހުން ނިންމުމެއް ނިންމާފައިވެ އެވެ. އެކަމަކު އެއީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ހުރި އެއްޗެއް ކަމަކަށް އެމްޑީޕީއާ އިދިކޮޅު ޕާޓީތަކުން ގަބޫލެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ