އަބުދުﷲ ގާޒީ ހައްޔަރު ކުރުމާގުޅިގެން ކުރަމުންދިޔަ ތަހުގީގު ވަރަށް އަވަހަށް ނިމޭނެ: އެޗްއާރްސީއެމް

އަހުމަދު އިބްރާހީމް
ގާނޫނީ ނިޒާމުގެ ބޭރުން ޖިނާއީ ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި އޭނާގެ އިންސާނީ ހައްގެއް ގެއްލިފައިވޭތޯބެލުމަށް ކުރަން ފެށި ތަހުގީގު މާލަސްތަކެއްނުވެ ނިމޭނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފި އެވެ.
ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ތޮލާލު ވިދާޅުވީ އަބުދުﷲ ގާޒީ ގާނޫނީ ނިޒާމުން ބޭރުން ހައްޔަރުކުރުމާގުޅިގެން އޭނާގެ އިންސާނީ ހައްގެއް ގެއްލިފައިވޭތޯ ބެލުމަށް ކުރަމުންދާ ތަހުގީގުގެ ބޮޑު ބައެއް ނިމިފައިވާކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރުމުގައި ހުރިހާ ދިމާލަކަށް ބަލާފައިވާނެކަމާއި ތަހުގީގު ނިންމުމަށް ފަހު އިތުރު މައުލޫމާތު މީޑިޔާއާ ހިއްސާކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.
އަބުދުﷲ ގާޒީ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ އޭނާ ގޭގައި އުޅުއްވަނިކޮށެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު އޭރުގެ ސަރުކާރުން ބުނެފައިވަނީ އަބުދުﷲ ގާޒީ އެކަހެރިކޮށްފައިވަނީ ގައުމީ ސަލާމަތަށް ނުކުރައްވާ ހިސާބަށް ދިއުމުން ކަމަށެވެ. އޭނާ ހެކަހެރިކޮށް، ބަހައްޓާފައި ހުރީ ސިފައިންގެ ތަމްރީނު މަރުކަޒެއްކަމަށްވާ ގިރިފުށީގަ އެވެ. އޭނާ ހައްޔަރުކޮށްފައި ހުރި ހުރުން ނިމުމަކަށް އައިސްފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ފުލުހުންނާއި ސިފައިން ބައިވެރިވެގެން މި މަހުގެ ހަތް ވަނަ ދުވަހު ވައްޓާލުމާގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ