އޭވައިއެލް ބަލިކޮށް ބީޖީ ސެމީ އަށް

ޕްރްޒިޑެންޓްސް ކަޕުގައި މިރޭ އޭވައިއެލް 3-2އިން ބަލިކޮށް ސެމީ ފައިނަލުގައި މާޒިޔާއާ ބައްދަލުކުރުމުގެ ފުރުސަތު ބީޖީ ހޯދައިފި އެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމެއް ފައިނަލްގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާ އެވެ. ނިއު ފައިނަލަށް ދިޔައީ އިއްޔެ ރޭ މާޒިޔާ 3-1އިން ބަލިކޮށްފަ އެވެ.
ޖުމުލަ ހަތަރު މެޗު ކުޅޭ މުބާރާތުގެ މިރޭގެ މެޗުގެ ފުރަތަމަ ލަނޑު އޭވައިއެލް ޖެހީ ފުރަތަމަ މިނިޓްގަ އެވެ. އަހުމަދު އަޖުވަދު ޖެހި މި ލަނޑާއެކު އޭވައިއެލް ކުރި ހޯދި ނަމަވެސް ފުލުފުލުގައި ބީޖީ އުފެއްދި ނުރައްކާތެރި ހަމަލާތަކުގައި އެއްވަރު ކުރީ މުހައްމަދު ޝައްފާޒު (ސައްޕޭ) އެވެ. މި ލަނޑު އޭނާ ޖެހީ އޭވައިއެލްގެ ޑިފެންޑަރަކާއި ކީޕަރު އަހުމަދު އާތިފް ބޯޅައަށް އެރިވަގުތު ދެ ކުޅުންތެރިން ވެއްޓި އާތީ އަތުން ބޯޅަ ކުޅުމުގެ ތެރެއަށް އައުމުންނެވެ.
މި ސީޒަނުގެ ވަކި ހިސާބުން ޓީމަށް ގެނައި އިޓަލީގެ ކޯޗު ފަބިއޯ ލޮޕޭޒް މަގާމުން ވަކިކޮށް އެސިސްޓެންޓް ކޯޗު އިސްމާއީލް އަނިލްގެ ބެލުމުގެ ދަށުން ކުޅުނު ބީޖީ އަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ ތަޖުރިބާކާރު ފޯވަޑް އިބްރާހީމް ފަޒީލް (އޮއްޕޮ) އެވެ. މެޗުގެ 57 ވަނަ މިނިޓްގައި އޭނާ ޖެހި މި ލަނޑާއެކު ބީޖީ ކުރި ހޯދި ނަމަވެސް 67 ވަނަ މިނިޓްގައި އޭވައިއެލް އެއްވަރުކުރީ އަބުދުﷲ މުއާޒްގެ ލަނޑުންނެވެ. އަދި މެޗުން މޮޅުވި ލަނޑު ސައްޕޭ ޖެހީ އޭގެ ފަސް މިނިޓް ފަހުން އާތީ އަތުން ދޫވި ބޯޅައަކުންނެވެ.
މި ބައްޔާއެކު އޭވައިއެލް އަށް މި އަހަރުގެ ސީޒަން ވެސް ވަނީ ނިމިފަ އެވެ. ދިރާގު ދިވެހި ލީގުގެ ހަތަރުވަނަ ހޯދި ޓީމަށް އެފްއޭކަޕާއި ޕްރެޒިޑެންޓްސް ކަޕުގައި ވެސް ލިބުނީ ހަމަ އެމަގާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ