އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަދާނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް އަދި ހއ. ހުވަހަންދޫގައި އެއާޕޯޓެއް ހަދައިދޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ. ހއ. ކެލާގައި ބޭއްވި އެ ޕާޓީގެ ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާގެ ފިނޭންސް މިނިސްޓަރު ކަމުގައި ވެސް ޓްރާންޝިޕްމަންޓް ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށެވެ. "ތިލަދުންމަތީ އުތުރު ބުރީގެ އިހަވަންދިއްޕޮޅުގައި އަޅުގަނޑު މިނިސްޓްރީ އޮފް ފިނޭންސްގެ މަގާމުގައި ހުރި އިރުގައި، މައުމޫންގެ ސަރުކާރުގައި އަޅުގަނޑު ހުރި ދުވަސްވަރުގައި އަޅުގަނޑު ބުނެފައިވާނެ ޓްރާންޝިޕްމަންޓް ބަނދަރެއް ހަދާނެ ވާހަކަ. ﷲގެ އިރާދަފުޅާ އެކު އަޅުގަނޑަށް ވެރިކަން ލިބިއްޖިއްޔާ ތިލަދުންމަތީގައި އަޅުގަނޑު ހަދަން ބުނި ޓްރާންޝިޕްމަންޓް ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން،" ގާސިމް ވިދާޅުވި އެވެ. "ހަމަ އެއާ އެކު އިހަވަންދިއްޕޮޅު ހޯރަފުށީގެ މިކޮޅުން ޖެހިގެން އޮންނަ ހުވަހަންދޫގައި މާތް ﷲގެ ވާގިފުޅާ އެކީގައި ދޮޅު އަހަރު ނުވަތަ ދެ އަހަރު ވުމުގެ ކުރިން އެއާޕޯޓެއް ވެސް އަޅާނަން،" ގާސިމްއާ ހަވާލާދީ ޖުމްހޫރީ ޕާޓީގެ ވެބްސައިޓުގައިވެ އެވެ. އޭނާގެ ވާހަކައިގައި ވަނީ، ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ގާސިމް ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މިއަދު ވެސް ކުރަނީ ކުރިން އޭނާ ވިދާޅުވި ގޮތަށް ކަމަށެވެ. "މިހާރު އެ ބުނާ ޗަމްޕާ ބްރަދާސްއަކަށް ނުވަތަ އެ ބުނާ ކުންފުންޏަކަށް މިއަދު 60 ޕަސެންޓް އެހެރަ ވިއްލާނީ. ދެން އެތަން ވިއްކާލާނީ ބޭރުގެ އެހެން ބަޔަކަށް. ވިއްކާލީމާ މުޅި އުމުރަށް ގެއްލިގެން އެ ދިޔައީ އެތަން،" ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު ބުނަންވީތޯ އެ ވެސް ރަނގަޅޭ؟ ނޫން. އެއްގޮތަކަށް ވެސް އަޅުގަނޑު ނުބުނާނަން އެ ރަނގަޅެކޭ. އަޅުގަނޑު އޭރު ބުނި ވާހަކަ މިއަދު ރިޕީޓްކޮށް ތިބޭފުޅުން ޓީވީން ދައްކާލީމާ އަޑު އިވޭނެ. މިހާރު އެ ކަންތައްތައް އެދަނީ. އައްޑު އަތޮޅުގެ ރައްޔިތުންނަށް މިހާރު އެ ލިބުނީ ވަރަށް ބޮޑު އެއްޗެއްތޯ؟" ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އަކީ މިހާރުގެ ސަރުކާރުގެ ބައިވެރިޔަކަށް ވިޔަސް ގޯސްކޮށް ކަމެއް ހިނގާ ނަމަ އެކަމެއް އިސްލާހު ކުރުމުގެ މަގުސަދުގައި އެ ވާހަކަ ދައްކާނެ ކަމަށެވެ. އަދި ކޯލިޝަނާ އެކު ކުރިއަށް ދިއުމާ މެދު ގޮތެއް ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ