ޒުވާނުންގެ ގޮފީގެ ރައީސްކަން "ޓީމު އުމަރު"ގެ ނާޒިމަށް

ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް ކަމުގެ މަޤާމަށް އިބްރާހިމް ނާޒިމް އިންތިހާބުކޮށްފިއެވެ.
މިހާރު ކުރިއަށްދާ ޕީޕީއެމްގެ ޤައުމީ ޖަލްސާގެ މިއަދު ހެނދުނުގެ ދަންފަޅީގައި ކުރިއަށް ދިޔައީ ޒުވާނުންގެ ގޮފީގެ މަޤާމުތަކުގެ އިންތިހާބާއި ޒުވާނުންގެ ގޮފީގެ ހިންގާ ޤަވައިދު ފާސްކުރުމެވެ.
ޒުވާނުންގެ ގޮފީގެ ރައީސް ކަމަށް ކެންޑިޑޭޓް ނަންބަރު 1 ނާޒިމް އިންތިހާބުވީ ވޯޓްލި 60 ޒުވާނުންގެ ތެރެއިން 29 ވޯޓް ހޯދައިގެންނެވެ. ނާޒިމްއާއި އެންމެ ގާތުން ވާދަކުރީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ޔާމިންގެ "ޔަޤީން" ޓީމަށް ނިސްބަތްވާ ކެންޑިޑޭޓް ނަންބަރު 2 ޒާހިދު ރަމީޒެވެ. އޭނާއަށް ލިބިފައިވަނީ 22 ވޯޓެވެ. މިމަޤާމަށް ވާދަކުރި 3 ވަނަ ކެންޑިޑޭޓް އިބްރާހިމް މުއާޒް (ޓީވީ މުއާއަށް) ލިބިފައިވަނީ 8 ވޯޓެވެ.
ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް ކަމުގެ މަޤާމު ކާމިޔާބުކޮށްފައިވާ އިބްރާހިމް ނާޒިމަކީ ޕީޕީއެމްގެ އިންތިޤާލީ ނައިބު ރައީސް އުމަރު ނަސީރުގެ "ޓީމް އުމަރަށް" ނިސްބަތްވާ ކެންޑިޑޭޓެކެވެ. ޕީޕީއެމްގެ އިންތިޤާލީ ކައުންސިލް މެންބަރުކަން މިހާރުވެސް ކުރަމުންގެންދާ އިބްރާހިމް ނާޒިމަކީ ޓްރާންސްޕޯޓް މިނިސްޓްރީގެ ރަޖިސްޓްރާއެއްގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް ކަމަށް އިންތިހާބުވީ ޔާމިންގެ "ޔަޤީން" ޓީމަށް ނިސްބަތްވާ ކެންޑިޑޭޓް ނަންބަރު 2 އައިމިނަތު ނަދާއެވެ. އޭނާއަށް 40 ވޯޓް ވަނީ ލިބިފައެވެ. ނަދާއާއި ވާދަކުރި އުމަރު ޓީމުގެ ކެންޑިޑޭޓް ނަންބަރު 3 އަހްމަދު ޝައްމޫންއަށް ލިބުނީ 17 ވޯޓެވެ. ކެންޑިޑޭޓް ނަންބަރު ތިނެއް މުޙައްމަދު ޝަހުނީޒަށް ލިބިފައިވަނީ 5 ވޯޓެވެ.
ޕީޕީއެމްގެ ޤައުމީ ޖަލްސާގެ މިއަދު ހެނދުނުގެ ދަންފަޅީގައި ޒުވާނުންގެ ގޮފީގެ ހިންގާ ޤަވައިދުވެސް ވަނީ ފާސްކޮށްފައެވެ. މިޤަވައިދަށް ވޯޓަށް އެހުމުން އެވަގުތު އެބައްދަލުވުމުގައި ބައިވެރިވި 60 ޒުވާނުންގެ ތެރެއިން 54 ޒުވާނުން ވަނީ މިޤަވައިދު ފާސްކުރުމަށް ވޯޓް ދީފައެވެ.
ޒުވާނުންގެ ގޮފީގެ އިންތިހާބަށްފަހު ހުރިހާ ކެންޑިޑޭޓުން އެކުގައި ނޫސްވެރިންނާއި ބައްދަލުކޮށް ޒުވާނުންގެ ގޮފީގެ ޓީމުން ބުނީ އިންތިހާބަށްފަހު އެންމެން ގުޅިގެން ޕާޓީއައިގެން ކުރިއަށްދާނެ ކަމަށާ، ގިނަ ޒުވާނުންތަކެއް ޕާޓީއަށް ހޯދައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބުކޮށްދޭނެ ކަމަށެވެ.
ޒުވާނުންގެ ގޮފީގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދިޔައިރު ޔާމިންގެ "ޔަޤީން" ޓީމާއި "ޓީމު އުމަރު" ގެ ޓީމުގައި ހިމެނޭ އިސް ބޭފުޅުން ޒުވާނުންގެ ގޮފީގައި ހިމެނޭ ފަރާތްތަކުގެ ފަހަތުގައި އެއްސަފަކަށް އެތުރި މަޑުކޮށްލައިގެން ތިއްބެވިއެވެ. އަދި ޕީޕީއެމްގެ ޤައުމީ ޖަލްސާއަށްފަހުވެސް އެޕާޓީ ބައިބައިވެގެން ނުދާނެ ކަމުގެ ޔަޤީންކަން މިއަދުވެސް އެބޭފުޅުން ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ